މިފްކޯއަށް މަސްގަންނަ އަގު މަތިކޮށް މިއަދު މަސް ގަންނަނީ 22ރ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މިއީ މަހުގެ އަގަށް އެކުންފުނިން މި ވޭތުވެ ދިޔަ 3 މަސް ދުވަހުގެ ތެރޭގައި ބަދަލު ގެނައި، 4 ވަނަ ފަހަރެވެ.
މިދުވަސް ވަރު ރާއްޖޭގެ ސަރަހައްދަށް އާންމުގޮތެއްގައި މަސްވެރިކަން ދަށެވެ. ނަމަވެސް މަހަށް އޮންނަ ޑިމާންޑް އިތުރުވުމާއި އަދި މަހަށް ރަނގަޅު އަގެއް ލިބެމުން ދިއުމާއެކު، މިފްކޯއިން ވަނީ މަހުގެ އަގަށް ބަދަލުގެނެސްފައެވެ. މިފްކޯއިން އެންމެ ފަހުން މަހުގެ އަގަށް ބަދަލު ގެނެސްފައިވަނީ ނިމިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އޭރު މިފްކޯއިން ވަނީ މަސް ގަންނަމުން އައި އަގު 20ރ އިން 21 އަށް މަތިކޮށްފައެވެ. އޭގެ ފަހުން މިހާރު މަހުގެ އަގު އަނެއްކާވެސް އިތުރު 1 ރުފިޔާ ބޮޑުކޮށް 22ރ އަށް މަސް ގަންނަން މިވަނީ ފަށާފައެވެ.
މިފްކޯއިން މީގެ ކުރިން ވަނީ މަހުގެ އަގަށް ބަދަލު ގެނައުމުގައި އެކުންފުނިން ގޮތެއް ނިންމަނީ، މަހުގެ ޑިމާންޑާއި ސަޕްލައަށް ބެލުމަށް ފަހުކަން ހާމަކޮށްފައެވެ. އަދި މަހުގެ އަގު ކަނޑައަޅަނީ މަސްވެރިންނަށް އެންމެ ރަނގަޅު ގޮތެއް ބެލުމަށްފަހުއެވެ. މިފްކޯއިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށްކަމަށް މިފްކޯއިން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މިފްކޯއިން މަހުގެ އަގު އަނެއްކާވެސް މަތިކޮށްފައިވާއިރު، މިދިޔަ ޖޫން މަހު މިފްކޯއިން ވަނީ މަހުގެ އަގު 18.50 ރުފިޔާއަށް މަތިކޮށްފައެވެ. އަދި އެ މަހު މަހުގެ 20 ރުފިޔާއަށް މަތިކުރިއެވެ. އޭގެ ފަހުން މަހުގެ 21 ރުފިޔާއަށް އަށް އޮގަސްޓު މަހު ބަދަލުކޮށްފައިވެއެވެ.
މިފްކޯއިން މަހު އަގު ކަނޑަޅެމުގައި މިހާރު ގެންގުޅެމުންދަނީ ބާޒާރުގެ އަގަށް ބަލާ ފްލޯޓިން ޕްރައިސް އުސޫލެކެވެ. މީގެ ކުރިން ވަކި އަގެއްގައި ހިފެހެއްޓި ނަމަވެސް ނިމިދިޔަ ސަރުކާރުގައި 25ރ. އަށް މަހުގަ އަގު މަތިކުރުމުން އެކުންފުންޏަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނެއެވެ. އޭގެ ފަހުން ސަރުކާރުން ވަނީ މަހުގެ އަގު ބާޒާރަށް ބިނާވާގޮތަށް ބަދަލުކޮށްފައެވެ. މި ބަދަލަށް ފަހު މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ކިރާ މަހަށް ފައިސާ ދޭ ގޮތަށް ބަދަލު ގެނެސް މިހާރު އެގޮތުގައި ފައިސާ ދެމުން އަންނަތާ މިއަހަރު 2 ވަނަ އަހަރު ވާނެއެވެ.
މިފްކޯއިން މަހުގެ އަގަށް ބަދަލު ގެންނަމުންދާއިރު މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްގެން ވިއްކާ ބާވަތްތައް އުފެއްދުމާއި، މަހުގެ ކޮލިޓީ ހިފަހައްޓާ މަސްބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް ދުނިޔޭގެ ބާޒާރުގައިވެސް މަސްވެރިކަން ދަށްދުވަސްވަރު ދިވެހި މަހުގެ ބާވަތްތައް ބޭރަށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތްކުރަމުންނެވެ.
މިފްކޯއިން ވިދާޅުވީ، އެކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ.ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ އަދި އިހަވަންދޫއާއި ފުވައްމުލައް ސިޓީގެ ބަނދަރުން އަންގާރަ ދުވަހު މިއަގުތަކުގައި މަސްގަންނަމުންދާނެކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު