މިފްކޯއަށް މިއަދު މަސް ގަންނަނީ ކިލޯއެއް 21 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެފިއެވެ.

މި ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް ހެޔޮބަދަލެއް އަންނަމުންދާނެ ކަމަށް މިފްކޯއިންވަނީ ބުނެފައެވެ. މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. އެއާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑުވަނީ އިތުރުވެފައެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ވަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައެވެ.

މިފްކޯއިން ބުނީ މިއަދު 9 ތަނަކުން މަސް ގަންނަމުންދާނެކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މަސްގަންނަ ބަނދަރުތައް:

  1. ފެލިވަރު ބަނދަރު
  2. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
  3. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
  4. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް
  5. ގދ. ތިނަދޫ ބަނދަރު
  6. ލ. މާމެންދޫ ބަނދަރު
  7. ކ. މާލެ ބަނދަރު
  8. ރ. މަޑުއްވަރީ ބަނދަރު
  9. ހއ. އިހަވަންދޫ ބަނދަރު

މިފްކޯއިން ބުނީ ކަޅުބިލަ މަސް ގަންނަނީ ކިލޯއެއް 21ރ އަށްކަމަށެވެ. އަދި ބޮޑު ކަންނެލި (10-15 ކިލޯ) ގަންނަނީ 20ރ އަށްކަމަށެވެ. އަދި ބޮޑު ކަންނެލި 15 ކިލޯއިން މަތިން ގަންނަނީ 25ރ އަށް ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަމުން ދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ރިޢާޔަތްކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްގެން ވިއްކާ ބާވަތްތައް އުފެއްދުމާއި، މަހުގެ ކޮލިޓީ ހިފަހައްޓާ މަސްބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް ދުނިޔޭގެ ބާޒާރުގައިވެސް މަސްވެރިކަން ދަށްދުވަސްވަރު ދިވެހި މަހުގެ ބާވަތްތައް ބޭރަށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތްކުރަމުންނެވެ.