ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް އޭގެން އިންތިހާއަށް ފައިދާކުރާނެ ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
މި ނިންމެވުމަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ރައްޔިތުންގެ ޝުޢޫރުތައް އައްސަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ. ކުންފުނީގެ ޚިދުމަތްތައް މަތީ ފެންވަރުގައި ފުޅާކުރުމުން ޤައުމީ ފެންވަރުގައި ގިނަ ފައިދާތަކެއް ލިބޭނެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްޓެލްކޯއިން އަލަށް ޚިދުމަތްދޭންފެށި ބ. އަތޮޅާއި، ޅ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައެވެ. މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުންފުނީގެ ޚާއްޞަ ޓީމުތަކުން މިހާރު ދަނީ ރަށްރަށުގެ ސަރވޭތައް ކުރަމުންނެވެ.

ޑރ. އަޒުވަރު ވިދާޅުވި ގޮތުގައި ރަށްރަށުގައި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚަރަދުތައް ކުޑަކުރެވި، އޮޕަރޭޝަނަލް އެފިޝަންސީ އިތުރުވުމަކީ ޤައުމީ ފެންވަރުގައި ލިބޭނެ ބޮޑު ކާމިޔާބެކެވެ. މީގެ ސަބަބުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސްޓެލްކޯއަކީ 75 އަހަރުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، އަލަށް ޚިދުމަތް ފެށި ރަށްރަށުގެ މެނޭޖަރުންވެސް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ. މި މަހުގެ 20 އިން 22 އަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ޒިންމާދާރުކަމާއެކު އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން މެނޭޖަރުންނަށް ހޯދައިދިނުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން މެނޭޖަރުންގެ ދައުރާއި ޒިންމާތަކުގެ އިތުރުން އިދާރީ، ޓެކްނިކަލް، މާލީ އަދި ރައްކާތެރިކަމުގެ އިރުޝާދުތައް ފޯރުކޮށްދެވޭނެއެވެ. އަދި އަތޮޅުތަކުގެ އިންޖީނުގެތަކާއި ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމުގެ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.










ކިޔުންތެރިންގެ ހިޔާލު