ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާއާ ދެކޮޅަށްކުޅުނު މެޗު ފަހަތުން އަރައި ބާސެލޯނާއިން 3-1 އިން މޮޅުވެއްޖެއެވެ.

ސެވިއްޔާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ސެވިއްޔާއެވެ. ނަމަވެސް ފަހަތުން އަރައި ބާސެލޯނާގެ ކެޕްޓަން ރަފީނިއާގެ ހެޓްރިކާއެކު ބާސެލޯނާ ވަނީ މޮޅުވެފައެވެ.

ސެވިއްޔާ އިން ފުރަތަމަ ލަނޑުޖެހީ ޗުގެ 19 ވަނަ މިނިޓްގައި، ފީލިކްސް ކޮރެއިއާ ދިން ބޯޅައަކުން ޔޫސުފް ފޮފާނާއެވެ. ނަމަވެސް އޭޣެ ތިން މިނެޓު ފަހުން ބާސެލޯނާގެ އަންދްރެސް ކްރިސްޓެންސަން ދިން ބޯޅައަކަށް އަރައި ރަފީނިއާ ވަނީ ސެވިއްޔާގެ ކީޕަރު، އޮޑީސިއަސް ވްލާޗޯޑިމޯސް ކައިރިން ގޯލަށް ބޯޅަ އަމާޒުކޮށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އިޝްތިހާރު އިޝްތިހާރު

ދެ ވަނަ ހާފު ފެށިގެން ހަތް މިިނިޓް ތެރޭ ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި، މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގިއެވެ. އެއީ މެޗުގެ 52 ވަނަ މިނެޓުގައި ލަމީން ޔަމާލް ދިން ބޯޅައަކުން ރަފީނިއާ ކާމިޔާބުކުރި ގޯލެކެވެ. ބާސެލޯނާގެ ތިންވަނަ ލަނޑު އަދި ރަފީނިއާގެ ހެޓްރިކް ފެނިގެންދިޔައީ މެޗުގެ 69 ވަނަ މިނެޓުގައި ޔަމާލް ތަންވަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

ރޭގެމެޗުން ރަފީނިއާ ހެޓްރިކް ހަދާފައިވާއިރު މިިދިޔަ ބުދަ ދުވަހުގެރޭ، ރޭސިން ސަންޓަންޑޭ އަތުން 7-2 އިން ބާސެލޯނާ މޮޅުވި މެޗުގައިވެސް އޭނާ ވަނީ ހެޓްރިކް ހަދާފައެވެ.

މިއީ ބާސެލޯނާއިން ޖެހިޖެހިގެން މޮޅުވި 7 ވަނަ މެޗެވެ. ބާސެލޯނާއިން މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ ހަތް މެޗުން 21 ޕޮއިންޓާއެކު، ސައްތަ އިން ސައްތަ ރެކޯޑެއްގައެވެ. އެއީ ރެއާލް މެޑްރިޑަށްވުރެ 6 ޕޮއިންޓުގެ ކުރީގައެވެ. ހަ މެޗުން 15 ޕޮއިންޓާއެކު ރެއާލް މެޑްރީޑް 2 ވަނާގައި އޮތްއިރު ތިންވަނާގައި އޮތް ރެއާލް ބެޓިސްއަށްވެސް ވަނީ15 ޕޮއިންޓު ލިބިފައެވެ.

މިރޭ ރެއާލް މެޑުރިޑް ނިކުންނާނީ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ބެޓިސް ވާދަކުރާނީ ޑިޕޯޓިވޯ ލަ ކަރޫނިއާއާ ދެކޮޅަށެވެ.