ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، “ބިންވެރިޔާ” ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3,548 ޕްލޮޓެވެ. މިހާތަނަށް އައިއިރު މީގެ ތެރެއިން 3,086 ބިމެއްގެ ރަޖިސްޓަރީ ހައްގުވެރިންނާ ހަވާލުކުރެވިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިއީ ޖުމްލަ ދޫކުރަން ހަމަޖެހިފައިވާ ރަޖިސްޓަރީގެ 87 އިންސައްތައެވެ.
މީގެ އިތުރުން، މިހާތަނަށް 1,393 ފަރާތަކަށް ޢަމަލީ ގޮތުން ބިން ހަވާލުކޮށްފައިބވެއެވެ. މިއީ ދޫކުރަން ކަނޑައަޅާފައިވާ ބިންތަކުގެ 39.3 އިންސައްތައެވެ. ގުޅިފަޅުން ބިން ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ރަސްމީ ލިޔުން، މިހާރު “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އަދި ގުޅިފަޅުގައި ކުރިއަށްދާ ތިލަމާލެ ބްރިޖް މަޝްރޫޢަށާއި، އެކި ބޭނުންތަކަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ސަރަޙައްދުތަކުގައި ހިމެނޭ ގޯތިތައް، އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ޙައްޤުވެރިންނާ ހަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލިބެންޖެހޭ ބޯހިޔާވަހިކަމުގެ ޙައްޤު ވީ އެންމެ އަވަހަކަށް، ދެފުށް ފެންނަ ގޮތެއްގައި ފޯރުކޮށްދީ، މި މަސައްކަތްތައް އަވަހަށް ނިންމާލުމެވެ.










ކިޔުންތެރިންގެ ހިޔާލު