ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފިނޭންސް މިނިސްޓްރީގެ އިސް ވެރިންނެވެ.

އިޝްތިހާރު އިޝްތިހާރު

ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު މީގެ ކުރިންވެސް ތަފާތު އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވެއެވެ. ރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ފަންޑުން ވެދެއްވާފައިވާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރު އެމަނިކުފާނަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.

ސަޢޫދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ރާއްޖެއަށް ފޯރުކޮށްދީފައެވެ.