ސައޫދީ ޢަރަބިއްޔާގެ ރިޔާޒާއި އަދި މަދީނާ ސަރަހައްދުގައި އަޅާފައިވާ "އީސްޓް-ވެސްޓް ޕައިޕްލައިން" އަށް އަމާޒުކޮށް، ޑްރޯންތަކެއް ބޭނުންކޮށްގެން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާގެ ސަބަބުން އެ ޕައިޕްލައިނަށް އެކިވަރުގެ ގެއްލުންތައް ލިބި، އާންމުންގެ ބަޔަކު ވަނީ ޒަހަމްވެފައެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ އިގްތިސާދީ އަދި އާންމު ހިދުމަތްތަކާ ގުޅިފައިވާ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ، ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގްލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއްކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި، ރައްކާތެރިކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމުގައި ރާއްޖެއިން ދެކޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން ސައޫދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، ސައޫދީގެ ސިޔާދަތާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ސައޫދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން ބުނީ، ޑްރޯންތަކެއް ބޭނުންކޮށްގެން މި ތެޔޮ ހޮޅިތަަކަށް ހަމަލާ ދީފައި ވަނީ އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތަކުން ކަމުގައެވެ. އަދި ހަމަލާތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެ ތެޔޮ ހޮޅިތަކަށް ގެއްލުންވި ކަމުގައި ބުނެފައިވެއެވެ.

"އީސްޓް-ވެސްޓް ޕައިޕްލައިން" ތަކަކީ ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ރަތް ކަނޑުގެ އައްސޭރީގައިވާ ޔަންބޫއުގެ ބަނދަރަށް ތެޔޮ ބޭރުކުރުމަށް ޓަކައި ސައޫދީގެ އިރުމަތީ ސަރަހައްދުން ސާފުނުކުރާ ތެޔޮ އުފުލައިދޭ މުހިންމު ހޮޅިލައިނެވެ.

އިރާގުގެ ބޮޑުވަޒީރު އެދިވަޑައިގަތުމުގެ މަތިން، މި ވަގުތު ބަދަލުހިފުމުގެ ފިޔަވަޅެއް ނޭޅުމަށް ސައޫދީ ސަރުކާރުން ވަނީ ނިންމާފައެވެ.