ފުލުހުންގެ ޚިދުމަތައް މިހާރު ގެންނަމުންދާ ބަދަލުތަކާއެކު ފުލުހުންގެ ޚިދުމަތަކީ މިހާރަށްވުރެ ޤާބިލު އަދި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ވާނެކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވުމަށް ފަހު މީޑީއާއަށް ދެއްވި އިންޓަރވިއުއެއްގައި އިޙްސާން ވިދާޅުވީ، ފުލުހުން އަސްކަރީ ޚިދުމަތަކުން މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 22 އަހަރު ވެގެންދިޔައިރު އެ އިދާރާއަށް ބޭނުންވާ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ޤާއިމްކުރެވިފައި ނުވާ ކަމަށެވެ.
ދާޚިލީ ވަޒީރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިޔައީ މިދައުރުގެ ތެރޭގައިކަން ފާހަގަކުރައްވާފައެވެ. މި ސަރުކާރު ހަވާލުވިއިރު އަތޮޅުތަކުގެ އަމިއްލަ މަރުކަޒުގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 މަރުކަޒުގައި ކަމަށް ވިދާޅުވިއެވެ. މިހާތަނަށް ދިވެހި ފުލުހުންގެ ޚިދުމަތް ދެމުން އައި ގޮތަށް އިޝާރާތް ކުރައްވާ ވަޒީރު އިޙްސާން ވިދާޅުވީ، އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ރައްޔިތުން ޚިދުމަތް ދޭން ބޭނުންވާ ކޮލިޓީގައި ފުލުހުންނަށް އެޚިދުމަތް ނުދެވޭ ކަމަށެވެ. ނަމަވެސް މިހާރު ޢުމްރާނީ ތަރައްޤީއާއެކު ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެވުމުން، ފުލުހުންގެ ޤާބިލްކަން އިތުރުކުރެވި ރައްޔިތުން އެދޭ ފަދަ ޚިދުމަތަކަށް އެ ޚިދުމަތް ބައްޓަން ވެގެންދާނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

މިހުރިހާ އިންފްރާސްޓްރަކްޗަރތައް ޤާއިމްވެ ފުލުހުންގެ ތެރޭގައި އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެވިފައި. އަދި ޚާއްސަ ދައިރާތަކުން ގެންނަން ޖެހޭ ތަމްރީނުތަކާއި އެއްޗެހި ދެވި ފުލުހުން މިހާރަށް ވުރެ ޤާބިލް އަދި ދިވެހި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ބަދަލުވެގެން ދާނެ. މާތް ﷲ އިރާދަފުޅާއެކީ ކުރިއަށް މިއޮތް އަހަރަކީ އެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ވެގެން ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ ދުވަހެއް.
ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވީ 1 ސެޕްޓެމްބަރ 2024 ގައެވެ. އޭގެ ފަހުން މިދައުރު ތެރޭގައި ފުލުހުންގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު