ހުޅުމާލެ 2 ގެ ބީޗް ބްލެވާޑް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި މަސްބާނާ ޕްލެޓްފޯމެއް ހެދުމާ މެދު އާންމުންގެ ހިޔާލު ހޯދުމަށް އެންވަޔަރުމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއާރުއޭ) އިން ހުޅުވާލައިފިއެވެ.
އެންއާރުއޭ އިން އަންނަނީ މި މަޝްރޫއުގެ ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ތައްޔާރުކުރަމުންނެވެ.
އެ އޮތޯރިޓީން ބުނީ މި ސާވޭގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދު މޫދަށް އެރުމަށާއި މަސްބާނަން ބޭނުންކުރާ މީހުންގެ ކަންބޮޑުވުންތައް ދެނެގަތުމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުށަހަޅާފައިވާ އާޓިފިޝަލް ސުވިމިން ޕްލޭނާއި މަސްބާނާ ޕްލެޓްފޯމާމެދު އާންމުން ދެކޭގޮތް ދެނެގަތުން ކަމަށެވެ.

މި ސާވޭގައި ބައިވެރިވާ މީހުންގެ އަމިއްލަ މައުލޫމާތު ސިއްރުކުރެވޭނެ ކަމަށާއި، ސާވޭއިން ލިބޭ ހިޔާލުތައް އީއައިއޭ ރިޕޯޓު އެކުލަވާލުމުގައި ބޭނުންކުރާނެ ކަމަށް އެންއާރުއޭ އިން މައުލޫމާތުދެއެވެ.
އަދި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާއިރު މޫސުމާއި އެހެނިހެން ކަންކަމަށް ރިއާޔަތްކޮށް ޕްލޭނަށް ބަދަލުތައް އައުން އެކަށީގެންވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.










ކިޔުންތެރިންގެ ހިޔާލު