ރާއްޖޭގައި ހިނގި ކަނޑުގެ ހާދިސާއެއްގައި ގެއްލުނު އިންޑިއާގެ އުމުރުން 30 އަހަރުގެ ރަޖީވް ޗޯހާން ހޯދުމަށް އޭނާގެ އާއިލާއިން އިންޑިއާ ސަރުކާރުގެ ކިބައިން އެދިއްޖެއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަމްބެދްކަރު ނަގަރުގެ ކުޑަކުޑަ އަވަށަކަށް އުފަން ރަޖީވް ރާއްޖެއަށް އައީ މިދިޔަ މަހުގެ ފަންސަވީސް ވަނަ ދުވަހުއެވެ. އޭނާ ރާއްޖެއަށް އައީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ޓައިލްސް ޖެހުމުގެ ވަޒީފާއަކަށެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު މަސައްކަތު މީހުން ގޮވައިގެން ދަތުރުކުރި ބާޖެއް މޫސުން ގޯސްވެ ބަންޑުންޖަހާލުމުގެ ސަބަބުން ރަޖީވް ވަނީ ކަނޑުގެ ތެރެއަށް ގެއްލިފައެވެ. އެ ހާދިސާގައި ބާޖުން ދަތުރުކުރި އަށް މީހަކު ސަލާމަތްކުރެވުނު ނަމަވެސް، ރަޖީވް އާއި އިތުރު މީހަކު ވަނީ ގެއްލިފައެވެ.

ހާދިސާ ހިނގިތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރަޖީވްގެ އެއްވެސް ޚަބަރެއް ނުލިބޭތީ އާއިލާ އޮތީ ބޮޑު ކަންބޮޑުވުމެއްގައެވެ. ރަޖީވްގެ އަންހެނުންނާއި މުސްކުޅި މަންމަ ވަނީ އޭނާ ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރާއްޖެއާއި އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
އާއިލާއިން ބުނިގޮތުގައި ރަޖީވް މަސައްކަތްކުރާ ކުންފުންޏާ ގުޅޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން އެ އާއިލާއިން ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހަށާއި ޚާރިޖީ ވުޒާރާއަށް ސިޓީ ފޮނުވައިގެން އެހީތެރިކަމަށް އެދިފައެވެ. އާއިލާގެ ހަމައެކަނި އުންމީދަކީ ރަޖީވް ސަލާމަތުން ހުރެ އާއިލާގެ ގާތަށް އެނބުރި އައުމެވެ.










ކިޔުންތެރިންގެ ހިޔާލު