ރާއްޖެއަށް ބޮޑެތި ބޭރުގެ އިންވެސްޓްމަންޓްތައް ނާންނަނީ އިދިކޮޅު އެމްޑީޕީން އެކި ގައުމުތަކާ ޒާތީ ގޮތުން ޖެހިގަންނާތީ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޠާރިގް އެ ޕާޓީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި މެންބަރު ޠާރިގް މިފަދައިން ވިދާޅުވީ، ރާއްޖޭގައި ބިދޭސީންނަށް ދިގު މުއްދަތުގެ ދިރިއުޅުމުގެ ހުއްދަ ވިއްކުމަށް ސަރުކާރުން ތައާރަފްކުރަން އުޅޭ “މޯލްޑިވްސް ޕާލް ރެސިޑެންސް” ޕްރޮގްރާމާ ދެކޮޅަށް ހުށަހެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ “މޯލްޑިވްސް ޕާލް ރެސިޑެންސީ” ގެ ނަމުގައި ބިދޭސީންނަށް ދިރިއުޅުމުގެ ދާއިމީ ހުއްދަ ދޫކުރުމުގެ ސިޔާސަތު ވަގުތުން މެދުކަނޑާލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެ ޕްރޮގްރާމާ ގުޅޭ އެންމެހައި އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހަށް ހާމަކުރުމަށާއި، މިކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ގޮވާލައި އޭނާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
އިންވެސްޓަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރާ މި ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާއެވެ. މިއީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ފުރުސަތު ދިނުމަށް ފަރުމާކުރާ ވިސާ ޕްރޮގްރާމެކެވެ. މި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު ޠާރިގް ވިދާޅުވީ އިމިގްރޭޝަން ގާނޫނުގެ ތެރެއިން ދައްކަންޖެހޭ ޓެކްސްތައް ދެއްކުމުން ރެސިޑެންޓް ވިސާ މިހާރު ވެސް ދޫކުރަމުން އަންނަ ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް އަމަލުކުރަމުން ދިޔައީ މިގޮތަށް ކަމަށާއި މިއީ މި ސަރުކާރުން އަލަށް ކުރިއަށްގެންދާ މުޅިން އާ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށްވާއިރު، އޭގެ ނަތީޖާއަކީ ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ނުރަނގަޅު ބަދަލެއްގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ސީދާ ގޮތެއްގައި ކުރުން ކަމަށް ބަހުސްގައި ފާހަގަކުރެވުނެވެ. އެހެންކަމުން މިފަދަ ދަނޑިވަޅުތަކުގައި އިގްތިސާދު ސިންދަފާތުކޮށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް އިންވެސްޓަރުންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދޭންޖެހޭ ކަމަށް މެންބަރު ޠާރިގް ވިދާޅުވިއެވެ. މިހާރު ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމަށް ބޭނުންވާ ބިލު އެކުލަވާލާފައިވާއިރު، އެ ބިލު ފާސްކުރުމަށް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިކަމަށް އިޝާރާތްކުރައްވައި މެންބަރު ޠާރިގް ވިދާޅުވީ ބިލު ހުށަހެޅުމާއެކު މިކަމުގެ ހުރިހާ ތަފްސީލުތަކެއް ހާމަވެ، ގާނޫނީ އޮނިގަނޑު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ހުރަސްއެޅުމުގެ ސިޔާސަތަށް ފާޑުވިދާޅުވަމުން މެންބަރު ޠާރިގް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ފާފު އަތޮޅުގައި ހިންގަން އުޅުނު 15 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ހަނދާން އައުކުރައްވާފައެވެ. އެ މަޝްރޫއަކީ ސައުދީގެ ޝާހީ އާއިލާއަށް އެ އަތޮޅު ވިއްކާލުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ބޮޑެތި ތުހުމަތުތަކެއް ކޮށް، ސިޔާސީ ހަލަބޮލިކަމެއް އުފެއްދުމުގެ ސަބަބުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު 2017 ވަނަ އަހަރު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރައްވައި، އެންމެ ފަހުން އެ މަޝްރޫއު އެއްކޮށް ހުއްޓާލަން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ބޮޑެތި ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމުން ގައުމަށް ލިބެނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި އިގްތިސާދީ ގެއްލުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހަރުކަށި ދެކޮޅުވެރިކަމެއް ދެއްކި ނަމަވެސް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ޕްރޮގްރާމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާ ކުރާނެ ކަމެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެ އިތުރު ބޮޑު ވިޔަފާރީގެ ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވެސް ވަނީ މި ޕްރޮގްރާމަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދައި، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.









ކިޔުންތެރިންގެ ހިޔާލު