މާލޭގެ މަގުތަކުގައި ކުރިއަށްދާ އިހުތިޖާޖުތަކަކީ ގާނޫނާ ޚިލާފު ހަރަކާތްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް ވެރިކަން ކުރާ ޕީ.އެން.ސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅުއްވީ މެންބަރު އަބްދުއްސައްތާރު މުޙައްމަދެވެ.
މާލޭގައި ކުރިއަށްދާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން އާންމު ނިޒާމަށް ބުރޫއަރައި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.

ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަކީ ޒިންމާތަކަކާ ވެސް ގުޅިފައިވާ ކަންކަން ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ ޕާޓީ ހިންގުމުގެ ހައްގު ބޭނުންކުރަންވާނީ އެހެން މީހުންގެ އަބުރާއި އާންމު މަސްލަހަތަށް އުނިކަން ނާންނާނެ ގޮތަކަށް ކަމަށް ބުނެފައިވެއެވެ. މި ގަރާރުގައި އެއްވެސް ޕާޓީއެއްގެ ނަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، ފަހަކަށް އައިސް އިދިކޮޅު އެމް.ޑީ.ޕީ އާއި ޕީ.އެން.އެފް އިން ދަނީ މާލޭގައި ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ.
މި ގަރާރު ހުށަހަޅާފައި މިވަނީ، ޕީ.އެން.އެފް އިން މަގުމަތީގައި ހިންގާ ހަރަކާތްތަކަކީ ގަވާއިދާ ޚިލާފު ކަންތައްތަކެއް ކަމަށް ބުނެ، އެކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ދަނޑިވަޅެއްގައެވެ.
މެންބަރު އަބްދުއްސައްތާރު ވިދާޅުވީ، މި ގަރާރުގެ ބޭނުމަކީ މިފަދަ ހަރަކާތްތަކާ މެދު މަޖިލީހުގެ މެންބަރުން ދެކޭގޮތް ސާފުކުރުން ކަމަށެވެ.




ކިޔުންތެރިންގެ ހިޔާލު