ސްރީ ލަންކާ އަށް ދަތުރުކުރަނިކޮށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓަކުން 17 ކޮންޓެއިނަރު ކަނޑަށް ވެއްޓުމާ ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ކޮލަމްބޯ އިންފޮމޭޝަން ފިއުޝަން ސެންޓަރު (އައިއެފްސީ) އަށް ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުންނެވެ. އެ ކޮންޓެއިނަރުތައް ވެއްޓުނީ ކޮމަލްބޯ ޕޯޓާ ހުޅަނގުން ގާތްގަނޑަކަށް 17 ނޯޓިލް މޭލު ދުރަށެެވެ.
މާލެ އިން ފުރައިގެން އެ ބޯޓު ކޮލަމްބޯ ޕޯޓަށް ދަތުރު ފެށީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ.

އެ ހާދިސާއާ ގުޅިގެން ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއާޓިކް ރިސޯސަސް އިން ވަނީ އޮޔާދާ ކޮންޓެއިނަރުތަކަށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އަންގައި އެލާޓް ވެސް ނެރެފައި ކަމަށް ޑެއިލީ މިރާގައި ވެ އެވެ.
ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި އެ ކޮންޓެއިނަރުތައް، ހާއްސަކޮށް ލަންކާގެ ބެރުވަލާ އާއި ނެގޮމްބޯގެ އައްސޭރި ފަށަށް ލެއްގުމުގެ ފުރުސަތު ބޮޑެވެ.
އެ ސަރަހައްދުގެ ހާލަތު ބެލުމުގެ މަސައްކަތް ލަންކާގެ ނޭވީން ކުރަމުން އަންނައިރު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އިން ވަނީ މަސްވެރިންނާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ވެސް އޭގެއިން ކޮންޓެއިނަރެއް ފެނިއްޖެ ނަމަ، އެކަން ރިޕޯޓުކުރުމަށް އެދިފަ އެވެ.
އެ ހާދިސާއާ ގުޅިގެން ސްޓޭޓް ޝިޕިން އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.









ކިޔުންތެރިންގެ ހިޔާލު