ނިމިދިޔަ ޖުލައި މަހު މަސްވެރިން ކިރުވި މަހަށް 49.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސްކުންފުނި، މިފްކޯ އިން ބުނެފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، 822 އުޅަނދަކަށް 49،759،961 (ސާޅީސް ނުވަ މިލިއަން ހަތް ލައްކަ ފަންސާސް ނުވަ ހާސް ނުވަ ސަތޭކަ ފަސްދޮޅަށް އެއް ރުފިޔާ) ވަނީ މިދިޔަ މަހު ދޫކޮށްފައެވެ.
މިފްކޯއިން ބުނީ، މިދިޔަ މަހު ޖުމްލަ 2،474.8 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ. އެގޮތުން 2،400.4 ޓަނުގެ ކަޅު ބިލަމަސް ކިރުވާފައިވާއިރު، އެ މަހަށްވާ ފައިސާކަމަށްވާ 47،959،840 (ސާޅީސް ހަތް މިލިއަން ނުވަ ލައްކަ ފަންސާސް ނުވަ ހާސް އަށް ސަތޭކަ ސާޅީސް ރުފިޔާ) ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 539 ދޯނިން ކިރުވާފައިވާ މަހެވެ.

މި މުއްދަތުގައި ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 98 ދޯންޏަކަށް 234،100 (ދެ ލައްކަ ތިރީސް ހަތަރު ހާސް އެއް ސަތޭކަ ރުފިޔާ) ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 185 ދޯންޏަކަށް ޖަމާކޮށްފައިވަނީ 1،566،021 (އެއް މިލިއަން ފައްސަތޭކަ ފަސްދޮޅަށް ހަ ހާސް އެކާވީސް ރުފިޔާ) އެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވައުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.









ކިޔުންތެރިންގެ ހިޔާލު