މިސަރުކާރު ހަވާލުވެ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ވުޒާރާއިން ކުރަމުންދަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށާއި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބަޔަކު ފާޑުކީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެކަމަށް ދެއްވި ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން އެ ބެކްލޮގް އެއްކޮށް ހަލާސްކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވަޒީރު ވިދާޅުވިއެވެ.
“މިފްކޯއަށް ކިރާ މަހަށް ލާރި ދެވޭނެތޯ. އެއީ، އެހާބޮޑު ބެކްލޮގެއް 250 ބިލިޔަން ރުފިޔާ މަސްވެރިންގެ ބިލުތަކަށް ފައިސާ ދެއްކޭނެތޯ؟. އެހެންނަމަވެސް ރައީސް ވަރަށް އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސްވެރިންނަށް ދައްކަން އޮތް ފައިސާ ދެއްކުމަށްފަހު 48 ގަޑިއިރު ތެރޭގައި މަސްވެރިންގެ ޕޭމަންޓު ދައްކަވަމުންދަނީ. 27 އޮގަސްޓު 2026ގެ ނިޔަލަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ،” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުޢިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު ވައުދުފުޅަކީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ ދެމެހެއްޓެނެވި ނިޒާމެއް ގާއިމުކޮށްދެއްވުމެވެ.
އެގޮތުގެމަތިން މަސްވެރިންނަށް އެއިރު ނުދީ ހުރި ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރުމާއެކު މި ސަރުކާރުންވަނީ މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާއި މާލީ ވުޒާރާ ޝާމިލުވާ ގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު