ގދ. ހޯނޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށްޓަކައި ކުރިއަށްގެންދާ "ޑިޒައިން އެންޑް ބިލްޑް" މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފިއެވެ.

އެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ޕްރޮޖެކްޓް ސައިޓުގައި ކުރިއަށްދަނީ މަގުތަކުގައި އަޅާ ކޭބަލް ޖަންކްޝަންތައް ކާސްޓްކުރުމާއި، ފޯމްވޯކް އެޅުމުގެ މަސައްކަތްތަކެވެ. އަދި އޭގެ އިތުރުން މަސައްކަތް ނިމިފައިވާ ޖަންކްޝަންތައް ކިއުރިންގް ކުރުމުގެ މަރުޙަލާގެ މަސައްކަތްތައް ވެސް މިހާރު އެ ރަށުގައި ހުއްޓުމެއްނެތި ދަނީ ކުރެވެމުންކަމަށް އެމްޓީސީސީން ބުންޏެވެ.

މި އަހަރުގެ މާރިޗު 28 ގައި ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށި މި މަޝްރޫޢުގެ ދަށުން، ހޯޑެއްދޫގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. މިއީ އެ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަމާ ގުޅިފައިވާ، ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މުހިންމު މަޝްރޫޢެކެވެ.

އިޝްތިހާރު އިޝްތިހާރު

ހޯނޑެއްދޫގެ މަގުހެދުމުގެ މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، ރަށުގެ އުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ޚިދުމަތްތަކާއި މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން މި މަޝްރޫޢު ނިމިގެންދާއިރު، ހޯޑެއްދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ލިބި، ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ އިތުރުން ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ކޭބަލްތައް ވަޅުލުމަށް ބޭނުންވާ ހޮޅި އެޅުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.