އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ނިޒާމު ގާއިމުކުރުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މާލީ ވުޒާރާއިން ފަށައިފިއެވެ.
މި ނިޒާމު ގާއިމުކޮށް، އެ ނިޒާމު ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ދީ، ސާމާނު ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން ވަނީ ބީލަމަށް ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،500 ދިވެހި ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ބީލަމަށް ކުރިމަތިލާ ފަރާތްތަކުން އޯގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުށަހެޅޭ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު މެންދުރު 1:00 ޖަހާއިރުއެވެ.

މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ބަލިމީހާގެ ހަށިގަނޑުގެ ތެރެއަށް ރޮބޮޓިކް އާލާތްތައް ފޮނުވައިގެން އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީއެކެވެ. މި ނިޒާމުގެ އެހީގައި އޮޕަރޭޝަން ކުރާއިރު، ހަށިގަނޑުގެ އެތެރޭގެ ހާލަތު ތްރީ-ޑީ (3D)ކޮށް ޑޮކްޓަރުންނަށް ވަރަށް ސާފުކޮށް ފެންނަން ހުންނާނެއެވެ. މީގެ ސަބަބުން އޮޕަރޭޝަންގެ ތެރޭގައި ލޭ އަންނަ މިންވަރު މަދުވެ، ބަލިމީހާގެ ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަވެ، އަވަހަށް ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލުމަށް މަގުފަހިވެގެންދެއެވެ.
މިހާރުވެސް އައިޖީއެމްއެޗްގައި އަންނަނީ ޒަމާނީ ފެންވަރުގެ ގިނަ އޮޕަރޭޝަންތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ސިކުނޑީގެ ނާރުތަކުގެ ނާޒުކު މައްސަލަތަކަށް ދޭ އެންޑޯވާސްކިއުލާ ނިއުރޯސާޖަރީ އާއި، ބަރުދަން ލުއިކުރުމަށް ކުރާ ބޭރިއޭޓްރިކް ސާޖަރީ ހިމެނެއެވެ. މީގެ އިތުރުން ލެޕްރޯސްކޮޕިކް އޮޕަރޭޝަންތަކާއި ޔުރޯލޮޖީގެ އެޑްވާންސްޑް އޮޕަރޭޝަންތައްވެސް އެ ހޮސްޕިޓަލުގައި ދަނީ ކާމިޔާބުކަމާއެކު ކުރަމުންނެވެ. ރޮބޮޓިކް ސާޖަރީގެ ޚިދުމަތް ތައާރަފުވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވެގެންދާނެއެވެ.









ކިޔުންތެރިންގެ ހިޔާލު