މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ރ. އިފުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އިފުރަށް ވަނީ 50.0 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މި މުއްދަތުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ބ. ދަރަވަންދޫއަށް 44.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ށ. ފުނަދޫއަށް 32.8 މިލިމީޓަރު އަދި ކ. ދިއްފުއްޓަށް 31.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މީގެ އިތުރުން ނ. މާފަރަށް 28.8 މިލިމީޓަރު އަދި ފުވައްމުލަކަށް 25.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މާލެ ސަރަހައްދަށް ބަލާއިރު، މާލެއަށް 15.0 މިލިމީޓަރު، ހުޅުލެއަށް 12.8 މިލިމީޓަރު އަދި ހުޅުމާލެއަށް 9.0 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މީގެ އިތުރުން ފ. ނިލަންދޫއަށް 24.6 މިލިމީޓަރު، އދ. މާމިގިއްޔަށް 21.5 މިލިމީޓަރު، ރ. އަލިފުއްޓަށް 16.9 މިލިމީޓަރު އަދި ހދ. ކުޅުދުއްފުއްޓަށް 16.8 މިލިމީޓަރުގެ ވާރޭ ވަނީ ރެކޯޑުކުރެވިފައެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް ދޭތެރެ ދޭތެރެއިން ވާރޭވެހުމުގެ ފުރުސަތު ބޮޑެވެ. މިހާރު ކުރަމުންދާ މި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، މި މޫސުމުގެ ބާރު ގަދަވެ ރާއްޖޭގެ ސަރަހައްދުގައި ވިލާ އުފެދުން އިތުރުވެފައިވާތީ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ހާއްސަކޮށް ވިލާގަނޑުގައި ވައި ގަދަވެ، ކަނޑުތައް އާދަޔާ ހިލާފަށް ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
ބޮޑު ބަންދަކަށް ފަހު އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވުމަށް ތާވަލުކޮށްފައިވާ މި ދަނޑިވަޅުގައި، ޗުއްޓީ ނިންމާފައި ގިނަ ބަޔަކު ރަށްރަށުން މާލެއަށާއި އެހެނިހެން މަންޒިލުތަކަށް ދަތުރުކުރަމުންދާތީ ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ކަށަވަރުކުރުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އިރުޝާދު ދީފައެވެ.









ކިޔުންތެރިންގެ ހިޔާލު