ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ ހަރަދުތަކުގެ މައުލޫމާތު އެއްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިންގާ ހާއްސަ ސާވޭއެއް ހޮނިހިރު ދުވަހު ފަށައިފިއެވެ.

މި ސާވޭ ކުރިއަށްދާނީ ޖުލައި 25 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައެވެ. މި ސާވޭގެ ތެރެއިން ދަތުރުކުރި ގައުމާއި، ދަތުރުކުރި މަގްސަދާއި، ޓިކެޓަށް ކުރި ހަރަދުގެ އިތުރުން ބޭސްފަރުވާއަށް ހިނގި ހަރަދުތައް ފަދަ މުހިންމު މައުލޫމާތުތައް އެމްއެމްއޭއިން އެއްކުރާނެއެވެ. މީގެ އިތުރުން ދަތުރަށް ޖުމްލަ ގޮތެއްގައި ކުރެވުނު ހަރަދުގެ ތަފްސީލުތައްވެސް ހޯދާނެއެވެ.

އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، މި ސާވޭގައި ބައިވެރިވާ ފަރާތްތަކުގެ އަމިއްލަ މައުލޫމާތު ހާމަނުކުރާނެއެވެ. އަދި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ސާވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެހެންކަމުން، މި މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ ދިވެހިންގެ ފުރިހަމަ އެއްބާރުލުން މި ސާވޭއަށް ދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.