އަންނަ އަހަރުގެ ދިރާސީ އާ އަހަރަށް ސަރުކާރުގެ ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. މި ފުރުސަތު އިއްޔެއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، ހުށަހަޅާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑްރެހާއި މޯބައިލް ނަމްބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑްރެހާއި މޯބައިލް ނަމްބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީކުރެވޭނެ މައުލޫމާތު ކަމުގައި ވެސް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. ދަރިވަރުން ސްކޫލަށް ވެއްދުމުގައި އުމުރުފުރާ ބަލާނީ މިދިޔަ އަހަރު ވެސް ބެލި ގޮތަށެވެ.
ދިވެހި ދަރިވަރެއްނަމަ ހުށަހަޅަންޖެހެނީ ދަރިވަރުގެ އައިޑީކާޑު ކޮޕީއާއި ބެލެނިވެރިޔާގެ އައިޑީކާޑު ކޮޕީގެ އިތުރުން އަލަށް ސްކޫލަށް ވަންނަ ނަމަ ވެކްސިން ކާޑެވެ. އެލްކޭޖީއަށް ވަނުމަށް ފޯމު ހުށަހަޅާ ދަރިވަރެއްނަމަ ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ރެކޯޑު ކުރާ ފޯމު ހުށަހަޅަންޖެހެއެވެ. ބިދޭސީ ދަރިވަރެއްނަމަ ދަރިވަރުގެ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ވިސާ ކޮޕީގެ އިތުރުން، ބެލެނިވެރިޔާގެ ޕާސްޕޯޓާއި ވިސާ އަދި ވޯކްޕާމިޓް ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

މީގެ އިތުރުން ދިރިއުޅޭ ގޭގެ މައުލޫމާތު ހުށަހެޅުމުގައި އަމިއްލަ ގެއެއްނަމަ ގޭގެ ރަޖިސްޓްރީ އަދި ކުއްޔަށް ދިރިއުޅޭނަމަ ކުލީގެ އެއްބަސްވުމުގެ ފުރަތަމަ ސަފުހާއާއި ސޮއިކޮށްފައިވާ ފަހު ސަފުހާ ހުށަހަޅަންޖެހެއެވެ. އަދި ބެލެނިވެރިޔާ ނޫން މީހެއްގެ ނަމުގައިވާ ތަނެއްގައި ދިރިއުޅޭނަމަ އެތަނެއްގައި ދިރިއުޅޭކަމުގެ އިގުރާރާއި ވެރިފަރާތުގެ އައިޑީކާޑު ކޮޕީ ވެސް ހުށަހަޅަން ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.








ކިޔުންތެރިންގެ ހިޔާލު