ސަރުކާރުން ކުރިއަށްގެންދާ “ޑިޖިޓަލް ފޯ އޯލް” ކެމްޕޭނަކީ ދިވެހި ރައްޔިތުން ޑިޖިޓަލް ދާއިރާއަށް އަހުލުވެރިކުރުވައި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
“ޑިޖިޓަލް ފޯ އޯލް” ކެމްޕޭން އިފުތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ރޮނގުން ދިވެހީންނަކީ ގާބިލު ބަޔަކަށް ހެދުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ތަރައްޤީކުރެއްވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް 2.0 ގެ ތެރެއިން އަންނަ ބޮޑެތި ބަދަލުތަކަށް ދިވެހި އާބާދީ ހޭލުންތެރިވެ، ޢިލްމީ އަދި ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުސަތު މި މަޝްރޫޢުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޔުނިވަރސިޓީތަކާއި ކޮލެޖުތައް އަދި ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި އަމާޒަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ޑިޖިޓަލް ނިޒާމުތައް ބޭނުންކުރެވޭނެ މީހަކަށް ހެދުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޑިޖިޓަލް ދުނިޔެއަށް އަހުލުވެރި ބަޔަކު ބިނާކުރުމަށްޓަކައި ކުދިކުދި ތަމްރީނުތަކާއި ހުނަރުތައް އެއްކޮށްލައިގެން ސެޓިފިކެޓަކާ ހަމައަށް ދިއުމުގެ މަގު ފަހިކުރުމަށް މަސައްކަތްކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)، މައިންޑްކޯ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުރިއަށްދެވޭނެ މަގު ފަހިކޮށްދީ، އުފެއްދުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ރާއްޖެއަކީ ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ހުރިހާ ރައްޔިތުންނަށް ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައި ވަޒީރު ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު