ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް އެކަކުން 26 އަހަރުގެ އިންޑިއާ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހެކެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިނެޝް ކުމާރު މުރްގެސަން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ދިއްގާމަގުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ. މަގުމަތިން އޭނާ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 18 ފުޅި ފެނިފައިވާއިރު، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އިތުރު 53 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ތިން ދުވަހުގެ މުއްދަތެއް ދީފައެވެ.
ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންގެ އަދަދު ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، މި ހާދިސާގެ އެއް ދުވަސް ކުރިން ހުޅުމާލެއިން 24 ދަޅު ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފައިވާއިރު، މި މަހުގެ 14 ވަނަ ދުވަހު ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 12 ފުޅި ރަލާއެކު ބަންގްލަދޭޝްގެ ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކަމާބެހޭ އިދާރާތަކުން ފާހަގަކުރާ ގޮތުގައި މިއީ ގައުމުގެ ސަލާމަތާއި އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެކެވެ. މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިކަން ހުއްޓުވުމަށްޓަކައި ދައުލަތުންނާއި ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން، މިފަދަ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް ބްލެކްލިސްޓް ކުރުމުގެ އިތުރުން، ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނާ ގުޅިގެން ދަނީ ހަރުދަނާކުރަމުންނެވެ. ފުލުހުން އަންނަނީ ދިނެޝް ކުމާރުގެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.








ކިޔުންތެރިންގެ ހިޔާލު