މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، އަލަށް ތަރައްގީކުރި ސަރަހައްދުގައި ދިވެހި ރުއް އިންދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެމްޓީސީސީގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހިނގަމުންދަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށެވެ. މަގުގެ އަރިމަތީގައި ދިވެހި ރުކުގެ އިތުރުން މަގޫ ގަހާއި ހިޔާ ލިބޭ އެހެނިހެން ގަސްތައްވެސް ދަނީ އިންދަމުންނެވެ.
މާލޭގެ މަގުތައް ހެދުމުގެ ތެރެއިން ކުރީގައި ހުރި ބޮޑެތި ގަސްތައް ނެގުމާއި، ރާއްޖޭގެ މާހައުލާ ނުގުޅޭ ކަދުރު ރުއް ފަދަ ގަސްތައް އިންދާތީ އާންމުންގެ ފާޑުކިޔުން މީގެ ކުރިން ވަނީ އަމާޒުވެފައެވެ. މިފަހަރު ދިވެހި ރުކަށާއި ދިވެހި ގަސްތަކަށް އިސްކަން ދިނުމުން ގިނަ ބަޔަކު ދަނީ އެކަން ފާހަގަކުރަމުންނެވެ. މީގެ އިތުރުން، ތަރައްގީގެ މަސައްކަތަށްޓަކައި ކުރިން ނަގާފައިވާ ހިރުނދު ގަސްތަކުގެ ތެރެއިން ބައެއް ގަސްތައް އަނބުރާ އެ ސަރަހައްދުގައި ވަނީ އިންދާފައެވެ. އަދި އަނެއް ބައި ގަސްތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މި މަޝްރޫއަކީ ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް ދުއްވޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ފެށި މި މަސައްކަތުގެ ދަށުން މިހާރު ވަނީ ތާރު އަޅައި ނިންމާލައި، 500 ސައިކަލް ޕާކުކުރެވޭ ޖާގައެއްވެސް ފަޅު ހިއްކައިގެން ތަރައްގީ ކޮށްފައެވެ. އަދި މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށި މާޗު 23 އިން ފެށިގެން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި މަގު އާންމުކޮށް ހުޅުވާލުމުގެ ފަހު ތައްޔާރީތައް ދަނީ ވަމުންނެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު މި މަގު ހުޅުވުމަށެވެ. ބޭނުމަކީ އެއްގަމު އުޅަނދު ފަހަރު ފަސޭހަކަމާއެކު ދުއްވޭ، ޖާގަ ތަނަވަސް، ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ.









ކިޔުންތެރިންގެ ހިޔާލު