ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔަކަށް ޑރ. ޚަލީލް އަލް ޙައްޔާ އިންތިޚާބު ކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހަމާސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔަކަށް ޑރ. ޚަލީލް އަލް ޙައްޔާ އިންތިޚާބު މިކުރެވުނީ އެމަގާމުގައި ކުރިން ހުންނެވި ޔަހްޔާ ސިންވާރު، 2024 ވަނަ އަހަރު ޣައްޒާއަށް ދިން ޓެރަރިސްޓް ހަމަލާތަކެއްގައި އަވަހާރަކޮށްލާފައި ވަނިކޮށެވެ.

އިޝްތިހާރު އިޝްތިހާރު

ޔަހްޔާ ސިންވާރު އަވަހާރަ ކޮށްލިފަހުން މިއަދާއި ހަމައަށް ހަމާސްގެ ސިޔާސީ ގޮފީގެ ކަންކަން ވަގުތީގޮތުން ބަލަހައްޓަމުން ގޮސްފައިވަނީ 5 މެމްބަރުންގެ ކޮމިޓީއަކުންނެވެ.

އުމުރުފުޅުން 65 އަހަރުގެ ޑރ. ޚަލީލް އަލް ޙައްޔާ މިހާރު  ގައުމުން ބޭރުގައި ދިރިއުޅުއްވި ނަމަވެސް، އޭނާ އަވަހާރަކޮށްލަންވެސް އިސްތިއުމާރީ ސިފައިން މީގެކުރިން އެތައް ހަމަލާތަކެއް ދީފައި ވެއެވެ.

އިސްތިއުމާރީ ސިފައިން ޣައްޒާގައި މިހާރު ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގެ ތެރޭގައި، ޑރ. ޚަލީލް އަލް ޙައްޔާގެ އާއިލާގެ ގެތަކަށް އަމާޒުކޮށް ދިން އުދުވާނީ ހަމަލާތަކުގައި ޑރ. ޚަލީލް އަލް ޙައްޔާގެ 4 ފިރިހެން ދަރިކަލުންނާއި އަދި އެތައް ކާފަދަރިކަލުންވެސް ޝަހީދުކޮށްލާފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ބޭއްވި ނުސީދާ ވާހަކަތަކުގައި ހަމާސްގެ ފަރާތުން އެންމެފަހުން ބައިވެރިވެވަޑައި ގެންފައިވަނީވެސް ޑރ. ޚަލީލް އަލް ޙައްޔާއެވެ. އިސްތިއުމާރީ ސިފައިން އެންމެފަހުން ޑރ. ޚަލީލް އަލް ޙައްޔާގެ ފިރިހެން ދަރިކަލަކު ޝަހީދުކޮށްލާފައިވަނީ ވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ.

ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔަކަށް، ހަމާސްގެ ކުރީގެ ވެރިޔާ ޚާލިދް މިޝްއާލްވެސް ވާދަކުރެއްވި ކަމަށެވެ.

އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ޑރ. ޚަލީލް އަލް ޙައްޔާ ރަސްމީގޮތުން މަގާމާ ހަވާލުވެވަޑައި ގަންނަވާނީ އަންނަ ހަފްތާގައެވެ. އޭގެފަހުން ހަމާސްގެ ސިޔާސީ ގޮފީގެ ވެރިން އިސްތަމްބޫލްގައި ބައްދަލުކުރައްވައި، ހަމާސްގެ ލީޑަރޝިޕް އޮނިގަނޑު އަލުން އެކުލަވާލައްވައި އަދި އެކިއެކި ކޮމިޓީތަކަށްވެސް  ބޭފުޅުން އައްޔަން ކުރައްވާނެއެވެ.