ފީފާ ވޯލްޑް ކަޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސްގެ މައްޗަށް 0-2އިން ކުރި ހޯދައި ފައިނަލްގެ ޖާގަ ސްޕެއިނުން ކަށަވަރުކޮށްފިއެވެ.

ސްޕެއިން ފުރަތަމަ ހާފުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ މެޗުގެ 21 ވަނަ މިނިޓުގައި ލޫކާ ޑީން ހޫރާލި ފައި ބޯޅައިގައި ނުޖެހި ލަމީން ޔަމާލް ގައިގައި ޖެހުމުން ދިން  ޕެނަލްޓި ކާމިޔާބު ކޮށްގެންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ މިކެލް އޮޔާޒަބާލްއެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ޖެހި ފަސްވަނަ ގޯލެވެ.

މިހާފްގައި ސްޕެއިންގެ ގޯލް ފޫއަޅުވާލަން ފްރާންސަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ސްޕެއިން އިން ދެވަނަ ގޯލެއް ޖަހާ ފައިނަލްގެ ޔަގީންކަން ބޮޑުކުރީ ދެވަނަ ހާފް ފަށައިގެން 18 ވަނަ މިނިޓްގައެވެ.

އިޝްތިހާރު އިޝްތިހާރު

ޕެޑްރޯ ޕޯރޯ ޑީއޭރިޔާ ބޭރުން އޮލްމޯ އަށް ބޯޅަ ދިނުމަށްފަހު އޭރިޔާ ތެރެއަށް ވަނުމުން ޖައްސާލި ބޯޅަ ގޯލަށް ފޮނުވާލީ ކޮންޓްރޯލް ކޮށްލުމަށްފަހު ހަމަޖެހިލާފައެވެ. ސްޕެއިންގެ ސްޓައިލްގައި ކުޅެ ޖެހި ގޯލާއެކު ފްރާންސުން ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް ނަތީޖާއެއް ނުނެރެވުނެވެ. މިހާފްގައި ޔަމާލް ސްޕެއިންއަށް ތިންވަނަ ގޯލެއް ޖަހައިދިން ނަމަވެސް އޮފްސައިޑްގައި ހުރުމުން ބަލައި ނުގަތެވެ.

މެޗުގައި ފްރާންސްގެ ރަނގަޅު ދެ އެޓޭކެއް ފެނުނީ އިތުރު ވަގުތުގައެވެ. ޑެމްބެޕޭ ފޮނުވާލި ދެބޯޅަ ވެސް ސްޕެއިން ކީޕަރު ސިމޯން މަތަކުރިއެވެ. ސްޕެއިންގެ ވަރަށް ރަނގަޅު ތިން އެޓޭކެއްވެސް މެޗުގައި ފްރާންސް ކީޕަރު މަތަކުރިއެވެ.

މުބާރާތުގެ ފައިނަލްގައި ސްޕެއިން ބައްދަލުކިުރާނީ، މިރޭ އިންގްލޭންޑާއި އާޖެންޓީނާ ވާދަކުރާމެޗުން މޮޅުވާ ޓީމަކާއެވެ.