މިދިޔަ ހަފުތާގައި އިތުރު 23 މީހަކަށް ހިމަބިހި ޖެހި، ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 144 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާކަމަށް ކަނޑައަޅާފައިވާ ހިމަބިހި އަލުން ފެންނަން ފެށީ މިދިޔަ މޭމަހުގެ ތެރޭގައެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނިވެސް ވަނީ އިތުރު 23 މީހަކަށް މި ބަލި ޖެހިފައެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ތަކެތީގެ އެހީގައި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގްރާމެއް މުޅި ރާއްޖޭގައި ދަނީ ކުރިއަށެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 7،100 މީހަކަށް ވެކްސިން ދީފައިވާކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެފައިވަނީ ހިމަބިއްސަކީ ރާއްޖޭގައި އާދަޔާ ހިލާފަށް ފެތުރެމުންދާ ނުވަތަ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވިޔަސް، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެއެވެ. އަދި ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން ކޮންޓްރޯލް ކުރެވޭނެ ބައްޔެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހިމަ ބިއްސަކީ މީސްލްސް ވައިރަސްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ މޯބިލިވައިރަސްގެ ވައްތަރެކެވެ. ކުޑަކުދިންނަށް ގިނައިން ޖެހުނު ކަމުގައިވިޔަސް، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިމީހާގެ ގައިގައި ބިހިތައް ފެނުމުގެ ހަތަރަކާއި ފަހަކާ ދެމެދުގެ ދުވަސް ކުރިންނާއި، ބިހިތައް ފެނުމަށްފަހު ފަސް ދުވަސް ވަންދެން އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެ، ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާސިލުވެއެވެ. ބަލިމީހާއާއެކު އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން އިންޒާރުދެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.









ކިޔުންތެރިންގެ ހިޔާލު