މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ފެއިލްވެފައިވާ ޕާޓީއެއް ކަމަށާއި، އެ ޕާޓީން އިޤްތިޞާދީ ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވެފައިވަނީ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން އެމްއެމް ޓީވީން ގެނެސްދިން ލައިވް ކަވަރޭޖެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިގޮތަށް އެމަނިކުފާނު ފާޑުވިދާޅުވެފައި މިވަނީ، “ޑޮލަރެއްނެތް” ގެ ނަމުގައި އެމްޑީޕީން ޖުލައި 12 ވަނަ ދުވަހުގެ ރޭ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ ޑޮލަރުގެ ޙާލަތާއި އިޤްތިޞާދާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ދެ ވެރިކަން ތަޖުރިބާކުރެވިގެން ދިޔައިރު ޤައުމަށް އިތުރު ކުރިއެރުމެއް ނުވަތަ މުދަލެއް ހޯދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ޕާޓީން ކޮށްފައިވާ ކަމަކީ ކުރީގެ ސަރުކާރުތަކުން ހޯދާފައި ހުރި އެސެޓުތައް ވިއްކުމާއި، ދަރަނި ނެގުމަށްޓަކައި އެ ތަންތަން ރަހުނުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ މައި އެއަރޕޯޓާއި، ދިރާގު އަދި ފެން ކުންފުނީގެ ޙިއްޞާ ވިއްކާލުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އިޤްތިޞާދީ ޙާލަތު ގޯސްވުމުން އޭރު އިދިކޮޅުގައި ތިބެ މުޒާހަރާއަށް ނުކުންނެވީ މަޖުބޫރުވެގެން ކަމަށާއި، ނަމަވެސް މިއަދު އެމްޑީޕީން ގޮވާލުމުން ރައްޔިތުން ނުނުކުންނަނީ އޭރާއި މިހާރުގެ ތަފާތު ރައްޔިތުންނަށް ސާފުކޮށް އެނގޭތީ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ފައިސާގެ އަގަށް އަންނާނެ ބަދަލަކީ އެންމެންނަށްވެސް އެނގޭނެ ޙަޤީގަތެއްކަން ޢަބްދުއްރަޙީމް ބަޔާންކުރެއްވިއެވެ. ދުނިޔޭގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން، ގަލްފު ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމަކީ ރާއްޖެއަށްވެސް އޭގެ އަސަރުކުރާނެ ކަމެއް ކަމަށާއި، އެއީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ވާކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް، ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދަރަނީގެ ގޮތުގައި ބިލިއަނެއްހާ ޑޮލަރު ދެއްކުމަކީ، މިހާރުގެ ސަރުކާރުން އިޤްތިޞާދު ހަރުދަނާ ގޮތެއްގައި މެނޭޖުކުރަމުންދާ ކަމުގެ ސާފު ހެއްކެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު