ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބައިނަލްއަޤުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ބޭރު ފައިސާއިން މުއާމަލާތް ކުރެވޭ ދުވަހުލީ ލިމިޓް ފުޅާކޮށް، ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ދޭން ފަށާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ބޭންކުން ވިދާޅުވި ގޮތުގައި މި ލުއިތައް ދޭން ފެށުނީ އާންމުންނަށް ޑޮލަރުން އިންވެސްޓް ކުރުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ހުޅުވާލި އައު ފުރުސަތާ ގުޅިގެން ބޭންކަށް ވަންނަ ޑޮލަރުގެ ނިސްބަތް އިތުރުވާން ފެށުމުންނެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ގިނަ ބަޔަކު އާންމުކޮށް ބޭނުންކުރާ ޓެމޫ، ޝެއިން އަދި އަލީއެކްސްޕްރެސް ފަދަ ސައިޓްތަކުން ވިޔަފާރިކުރުމުގައި ކަނޑައަޅާފައިވާ ދުވަހުލީ ބަޖެޓް ކުރިން ވަރަށް އަވަހަށް ހުސްވާ ކަމަށެވެ. ނަމަވެސް އައު އިންވެސްޓްމަންޓް ސިޔާސަތާއެކު ފުރަތަމަ 24 ގަޑިއިރު ހަމަވިއިރު، ކުރިއާ އަޅާބަލާއިރު މާ ގިނަ ކަސްޓަމަރުންގެ ޕޭމަންޓްތައް ކާމިޔާބުކަމާއެކު ކުރިއަށްގޮސް، ޚިދުމަތް ލިބިފައިވާކަން ސޯޝަލް މީޑިއާގެ ޚިޔާލުތަކުންނާއި ބޭންކުގެ ތަފާސްހިސާބުތަކުން ސާފުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީ-ކޮމާސް ޕްލެޓްފޯމްތަކަށް އޮތް ބާރު ބޮޑުވުމުގެ ސަބަބުން، ދިވެހި ރުފިޔާ ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ އޮންލައިން މުއާމަލާތްތަކުގެ އަދަދު 30 ޓްރާންސެކްޝަނަށް ލިމިޓްކޮށް، 6 ޕްލެޓްފޯމަކުން ވިޔަފާރިކުރުން ބީއެމްއެލްއިން ހަނިކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ބޭންކުން ވިދާޅުވާ ގޮތުގައި ޑޮލަރު ދޫކުރެވޭނީ ބޭންކަށްވެސް ޑޮލަރު ވަންނާނެ ދެމެހެއްޓެނިވި ގޮތްތަކެއް ހުރެގެން ކަމަށްވާތީ، ތައާރަފުކުރި “އިންވެސްޓްމަންޓްސް ބައި ބީއެމްއެލް” ޕްރޮގްރާމަކީ މީގެ ހައްލެކެވެ. މީގެ ދަށުން ގޯލްޑް، ސިލްވަރ އަދި ބްރޯންޒްގެ ނަމުގައި ތިން އޮޕްޝަނެއް ހިމެނޭ ޕޫލްތަކުން 25 އިންސައްތައާ ހަމައަށް ފައިދާ ލިބުމުގެ ފުރުސަތު އޮވެއެވެ.
މި އައު ނިޒާމުގެ ސަބަބުން ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑު ނަފާއެއް ލިބުމުގެ އިތުރުން، ބޭންކަށް ބޭނުންވާ ބޭރު ފައިސާ ކަށަވަރުވެ، އާންމު ކަސްޓަމަރުންނަށް އޮންލައިން ވިޔަފާރިތަކުގައި ދިމާވާ ޑޮލަރުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދެއެވެ. އިންވެސްޓްކުރާ ޑޮލަރުގެ އަގަށްވާ ދިވެހި ރުފިޔާ ވަގުތުން އެކައުންޓަށް ޖަމާވާއިރު، އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ބޭންކުން ޖަމާކޮށްދެއެވެ.












ކިޔުންތެރިންގެ ހިޔާލު