ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އާ ސަފީރު ތޯރިޤު އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ސަރުކާރަށް ހުށަހަޅުއްވައިފިއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އާ ސަފީރުގެ ފަތްކޮޅާ ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އަންޑަސެކްރެޓަރީ އުމަރު އުބައިދު ވަނީ ދެ ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ކުރިއެރުވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ސަފީރު ތޯރިޤު އިބްރާހީމްގެ ވާހަކަފުޅުގައި، އެކުވެރި ޢަރަބި އިމާރާތުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ލީޑަރޝިޕްގެ ދަށުން އެ ޤައުމުން ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކަށް ވަނީ ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ފުޅާކުރުމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަފީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ތޯރިޤު އިބްރާހީމް ވަނީ ދިވެހި ސަރުކާރުގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.












ކިޔުންތެރިންގެ ހިޔާލު