ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ އާ ސަފީރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އާ ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވައި، ސަފީރުކަމުގެ މަޤާމަށް ވަޑައިގެންނެވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.
މި ބަދަލުތަކާއެކު، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ޢައްޔަންކުރައްވާފައެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ޢައްޔަންކުރައްވާފައެވެ.
މި ދެ ބޭފުޅުންނަކީވެސް މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި މީގެ ކުރިން ޚިދުމަތްކުރެއްވި ދެ ބޭފުޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި އެ ދެ ބޭފުޅުން ވަނީ ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.












ކިޔުންތެރިންގެ ހިޔާލު