ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރަށް އަނެއްކާވެސް ހަމަލާދީފިއެވެ.
ރޭގެ ވަގުތެއްގައި ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، މިކަމާ ގުޅޭގޮތުން އޭނާގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މަތިވެރި ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ޙަސަން ޒަރީރަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ވަނީ ހަމަލާއެއް ދީފައެވެ. މި ހާދިސާއާ ގުޅިގެން ޒަރީރަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ސާފުވެފައިނުވާއިރު، މި މައްސަލައާ ގުޅޭގޮތުން އޭނާގެ ފަރާތުން ރަސްމީކޮށް އެއްވެސް ބަހެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ޒަރީރަށް މީގެ ތިން އަހަރު ކުރިން، 1 މެއި 2023 ވަނަ ދުވަހުގެ ފަތިހު 04:15 އެހާކަންހާއިރު ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގެ ތެރެއިން އޭނާއަށް ހަމަލާދިނީ ފަސް މީހުންގެ ގުރޫޕަކުން ކަމަށް ޒަރީރު އޭރު ވިދާޅުވެފައިވެއެވެ. އެ ހާދިސާގައި ޒަރީރުގެ ގައިގައި އަތުންނާއި ފައިން ތެޅުމަށްފަހު، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ.
ހަބީބީ ކެފޭގައި ޒަރީރަށް ހަމަލާދިން މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެއީ ތާ އަތޮޅު ކިނބިދޫ ދީފްރަމްގޭ މުޙައްމަދު އަވްޝަމާއި، މާލޭ ތާޖްގޭ މުލާޢިމް މުޙައްމަދުގެ އިތުރުން މއ. ނައިޓްވިލާ އިބްރާހީމް ޢަބްދުﷲގެ މައްޗަށެވެ. މީގެ ތެރެއިން އަވްޝަމާއި މުލާޢިމްގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލިއިރު، އިބްރާހީމް ޢަބްދުﷲގެ މައްޗަށް އުފުލީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި މިނިވަންކޮށްފައެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވީ ހަބީބީ ކެފޭއަކީ އަނދިރިކޮށް ހުންނަ ތަނަކަށް ވުމާއެކު، ހަމަލާދިން މީހުންނަކީ ސީދާ ކޮން ބައެއްކަން ދައުލަތުން ހުށަހެޅި ހެކިވެރިންނަށް ސާބިތުކޮށްދެވިފައި ނުވާތީއެވެ. މީގެ އިތުރުން، އެ ހަމަލާގައި އިބްރާހީމް ޢަބްދުﷲ ބައިވެރިނުވާ ކަމަށް ޒަރީރުގެ ހެކިބަހުގައި ވެސް ބުނެފައިވުމަކީ ކޯޓުގެ ނިންމުމަށް ބާރުލިބުނު ކަމެކެވެ.












ކިޔުންތެރިންގެ ހިޔާލު