މާލޭގައި ހުންނަ ތާރީޚީ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި އެތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތް ކުރުމާ ގުޅިގެން، މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޖޭޓުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
އުސްގެކޮޅުގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ސަމާލުކަމަށް އައުމާއެކު، އެ ވުޒާރާއިން ވަނީ ވަގުތުން ފުލުހުންނާ ގުޅިގެން މައްސަލަ ބަލަން ފަށާފައެވެ. މިކަން ހިނގާދިޔަ ގޮތާއި މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ކުށްވެރިންނާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ޤައުމީ ތަރިކައަކަށް ލިބޭ މިފަދަ ގެއްލުންތަކަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށްވުމުން، އެކަން ހަރުކަށިކަމާއެކު ބަލާނެ ކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދެއެވެ.
އުސްގެކޮޅާއި އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، އެތަން ބެލެހެއްޓުމުގެ ކަންކަމާއި ތަޅުދަނޑި މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. ނަމަވެސް، މިހާތަނަށްވެސް އެތަން މިނިސްޓްރީއާ ޙަވާލުކޮށްފައި ނުވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. ސަގާފީ ތަރިކަތައް ރައްކާތެރިކުރުމަށްޓަކައި، ޤާނޫނާއި ޤަވައިދުގެ ތެރެއިން އެތަން ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން ހަވަނަ ޢިމާރާތްކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީޚީ ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވުމުގެ އިތުރުން، 74 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނު އިމާރާތްވެސް މެއެވެ. މިފަދަ ތާރީޚީ ތަންތަނަށް ދެވޭ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް ބޮޑު އަސަރެއްކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބުން އެކަށީގެންވާ ކަމަށް ތާރީޚީ މާހިރުން ބުނެއެވެ.












ކިޔުންތެރިންގެ ހިޔާލު