ރާއްޖޭގެ އިގުތިސާދީ ހާލަތު މިވަގުތު އޮތް ގޮތުން އެކިއެކި ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ، ކޮންމެ މުވައްޒަފަކަށްވެސް އެމީހަކު ކުރާ މަސައްކަތާ އެކަށީގެންވާ އަދި އަބުރުވެރިކަމާއެކު އުޅެވޭނެ މިންވަރުގެ މުސާރައެއް ލިބުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. ނަމަވެސް، ދައުލަތުގެ މާލީ ހާލަތު ތަންނުދޭތީ، މިއީ މުސާރަތައް ބޮޑުކުރަން އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ދަރަނީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، މިދިޔަ މެއި މަހު އެކަނިވެސް އެއް ބިލިއަނެއްހާ ޑޮލަރު (ގާތްގަނޑަކަށް 15.5 ބިލިއަން ރުފިޔާ) ގެ ދަރަނި ދައްކާފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި 50 މިލިއަން ޑޮލަރު އަދި މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 200 އެއްހާ މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައި އޮތްކަން އޭނާ ހާމަކުރެއްވިއެވެ. މިފަދަ ބޮޑެތި މާލީ އިލްތިޒާމުތަކެއް ހުރުމާއެކު، ގިނަ މަޝްރޫއުތަކެއް ހިންގޭނެ ފަދަ ބޮޑެތި އަދަދުތަކުން ދަރަނި ދައްކަން ޖެހިފައިވުމުން މުސާރަ ބޮޑުކުރުމުގައި ވަރަށް ވިސްނުންތެރިވާންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ކައުންސިލަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން ލިބެމުންދާ ޝަކުވާތަކަށް އިޝާރާތްކުރައްވައި ސައުދުﷲ ވިދާޅުވީ، ބައެއް ކައުންސިލަރުން ޒިންމާދާރުކަންކުޑަ ގޮތެއްގައި އަމަލުކުރަމުންދާ ކަމަށެވެ. ރަސްމީ ގަޑީގައި ކޮފީ މޭޒުތަކުގައްޔާއި މަސްވެރިކަމަށް ދިއުން ފަދަ ކަންކަމުގައި ބައެއް ކައުންސިލަރުން އުޅޭކަމުގެ ޝަކުވާ ލިބިފައިވާއިރު، އިދާރީ ގިނަ މަސައްކަތްތައް ކުރަމުންދަނީ ސިވިލް ސާވިސްގެ މުވައްޒަފުންކަން އޭނާ ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށްޓަކައި ބުރަކޮށް މަސައްކަތްކުރާ ކައުންސިލަރުންވެސް ތިބި ނަމަވެސް، އެންމެންގެ މުސާރަ އެއްފަހަރާ ބޮޑުކުރުމުން، މަސައްކަތްކުރާ މީހުންނާއި ނުކުރާ މީހުން ހަމަހަމަވެގެންދާނެތީ އެކަމާ މެންބަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ސަރުކާރުން މުވައްޒަފުންގެ މުސާރަތައް ހެޔޮކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ. އެގޮތުން ޕޭ ހާމަނައިޒޭޝަންގެ ދަށުން، ކުރިން ނުވަ ހާސް ރުފިޔާ ލިބެމުންދިޔަ ބައެއް މުވައްޒަފުންގެ މުސާރަ ވިހި ހާސް ރުފިޔާއަށް ބޮޑުވެފައިވާކަން އޭނާ މިސާލެއްގެ ގޮތުން ދެއްކެވިއެވެ. ނަމަވެސް، ދައުލަތަށް ގިނަ މުވައްޒަފުންތަކެއް ނަގާފައިވުމުގެ ސަބަބުން މަސްވެރިކަން ފަދަ އެހެނިހެން ސިނާއަތްތަކަށް މީހުން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދައުލަތަށް ހިދުމަތް ފޯރުކޮށްދިން ގިނަ ވިޔަފާރިތަކަކަށް ފައިސާ ނުލިބި ބަނގުރޫޓުވަމުންދާއިރު، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލޭގޮތަށް ހަމައެކަނި ވަކި ބައެއްގެ މުސާރަ ބޮޑުކުރުމަކީ އިންސާފެއް ނޫންކަމަށް ސައުދުﷲ ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު