ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީފާ ވޯލްޑް ކަޕް 2026: ކެނެޑާއަށް ވޯލްޑް ކަޕް މެޗަކުން ފުރަތަމަފަހަރަށް ޕޮއިންޓެއް ހޯދައިފި

TTH_Ads
STO_Ads
Advertisement

ފީފާ ވޯލްޑް ކަޕް 2026 ގައި ބޮސްނިއާ އަތުން އެއްވަރުވެ، ކެނެޑާއިން ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓު ހޯދައިފިއެވެ.

މީގެ ކުރިން ކެނެޑާ އިން ދެ ފަހަރެއްގައި ވޯލްޑް ކަޕްގައި ވާދަކުރި ނަމަވެސް، ކެނެޑާއަށް ވޯލްޑް ކަޕް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ. ބޮސްނިއާ އިން ވޯލްޑް ކަޕަށް މީގެ ކުރިން ކޮލިފައިވެފައިވަނީ ހަމައެކަނި ވޯލްޑް ކަޕް 2014 އަށެވެ. އެ މުބާރާތުގައި ބޮސްނިއާ ހަމައެކަނި މޮޅުވެފައިވަނީ އިރާން އަތުންނެވެ.

ކެނެޑާގެ ޓޮރޮންޓޯގެ ބީއެމްއޯ ފީލްޑްގައި މިރޭ ކުޅުނު ގްރޫޕު ބީގެ މެޗަކީ ފުޓުބޯޅަ ތާރީހުގައި ކެނެޑާ އާއި ބޮސްނިއާ ބައްދަލުކުރި ފުރަތަމަ މެޗެވެ. އަނިޔާއާ ގުޅިގެން މިރޭގެ މެޗުގެ ފުރަތަމަ 11 އިން ކެނެޑާގެ ތަރި އަލްފަންސޯ ޑޭވީސް އަދި ބޮސްނިއާ ތަރި އެޑިން ޖެކޯ ވެސް ފެނިފައެއް ނުވެއެވެ. މިރޭގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

HajjCop_ads
MMA_Ads
Advertisement

މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ބޮސްނިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމެއް ކެނެޑާއަށް ރަނގަޅަށް ދިފާއު ނުކުރެވުމާއެކު ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮސްނިއާގެ އަމަރް މެމިޗް ފޮނުވާލި ބާރު ހަމަލާ ދިޔައީ ކެނެޑާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އަމިއްލަ ގައުމުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ކެނެޑާއަށް މެޗުގެ 17 ވަނަ މިނެޓުގައި ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައިން، ޔުވެންޓަސްއަށް ކުޅޭ ކެނެޑާ ފޯވަޑް ޖޮނަތަން ޑޭވިޑް ފޮނުވާލި ހަމަލާ އަމާޒުވީ ބޮސްނިއާ ކީޕަރު ނިކޮލާ ވަސިލީއާ ދިމާއަށެވެ. އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދައިފައެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ބޮސްނިއާއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯނަރެއްގައި ކެޕްޓަން ސެއާދް ކޮލަސިނަޗް ބޮލުން ޖައްސާލި ބޯޅަ، ޖޮވޯ ލުކިޗް ވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. އެ ގޯލަކީ ބޮސްނިއާގެ ޖާޒީގައި ލުކިޗް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ބޮސްނިއާގެ ގޯލަށްފަހު ކެނެޑާއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ބޮސްނިއާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ކެނެޑާއަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. ވިލަރެއާލަށް ކުޅޭ ކެނެޑާގެ ފޯވަޑް ޓަނީ އޮލުވަސޭ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ވެސް ބޮސްނިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ވެސް ކެނެޑާއަށް ހުސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ބޮސްނިއާ ޕެނަލްޓީ އޭރިއާ ތެރެއިން ޖޮނަތަން ޑޭވިޑަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލުކުރެވިފައި ނުވާ އިރު، ސްޓެފަން ޔުސްޓާކިއޯ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑެރެކް ކޯނެލިއަސް ބޮލުން ފޮނުވާލި ހަމަލާ ވެސް ދިޔައީ ބޮސްނިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބޮސްނިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 54 ކެނެޑާއަށް ނަތީޖާ ހަމަހަމަކުރުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޔުސްޓާކިއޯ ދިން ބޯޅަ، ރީތިކޮށް ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު، ކެނެޑާގެ ރިޗީ ލަރްޔޭ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ބޮސްނިއާގެ ކެޕްޓަން ކޮލަސިނަޗް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭނާ ދިފާއުކުރުމަށް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ވަނީ ސަލާމަތްވެފައެވެ.

އޭގެ މިނެޓެއް ފަހުން ބޮސްނިއާއަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުުރުސަތެއް ލިބިގެންދިޔައެވެ. ލުކިޗް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބޮސްނިއާގެ އެރްމެޑިން ޑެމިރޮވިޗް ފޮނުވާލި ހަމަލާ، ކެނެޑާގެ ކީޕަރު މެކްސިމް ކްރެޕެއޫ ވަނީ މަތަކޮށްފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ކެނެޑާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޝަފެލްބާގް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކެނެޑާ ފޯވަޑް އޮލުވަސޭ ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ބޮސްނިއާ ޑިފެންޑަރު ނިކޮލާ ކަޓިޗް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ކެނަޑާއިން ވަނީ ގޯލެއް ޖަހައިފައެވެ. ރީތި ކުޅުމަކާއެކު ޑޭވިޑް ދިން ބޯޅައަކުން ރީތިކޮށް އެނބުރިލާފައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކެނެޑާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކައިލް ލެރިންއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ މާގިނައިރުތަކެއް ނުވަނީހެވެ،

އެ ގޯލަށްފަހު ދެ ޓީމުން ވެސް ކުޅެމުންދިޔައީ ޑިފެންސަށް ވަރަށް ބޮޑަށް ސަމާލުވެގެން ކުޅެމުންދިޔަ އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކެނަޑާގެ ލެރިންއަށް އިތުރު ގޯލެއް ޖެހުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ބޮސްނިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

ގްރޫޕު ބީގައި ކެނެޑާ އާއި ބޮސްނިއާގެ އިތުރުން ދެން ހިމެނެނީ ސްވިޒަލެންޑާއި ގަތަރެވެ. ގަތަރާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މާދަމާ ރޭ 12:00 ގައެވެ.

ވޯލްޑް ކަޕްގައި ކުރިއަށްއޮތް މެޗުގައި ބައްދަލުކުރާނީ ގްރޫޕު ޑީގެ އެމެރިކާ އާއި ޕެރެގުއާއީ އެވެ. އަމިއްލަ ގައުމުގައި ކުޅޭ އެ މެޗުގައި ޕެރަގުއާއީއާ ދެކޮޅަށް އެމެރިކާއިން ނުކުންނާނީ ހެނދުނު 6:00 ގައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

world cup 2026

ފީފާ ވޯލްޑް ކަޕް 2026: ފެށުމުގެ ރަސްމިއްޔާތު އެސްޓޭޑިއޯ އެޒްޓޭކާގައި ވަރަށް ކުލަގަދަ

ފީފާ ވޯލްޑް ކަޕް 2026: ސައުތު އެފްރިކާއި ކުޅެ މެކްސިކޯ މެޗު ކާމިޔާބުކުރީ 2-0