އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަޙްމަދު ނަސީމް، ޕާޓީގެ އިސް މަގާމުތައް ދުރާލައި ބަހައިފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ޕާޓީ ބައިބައިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.
މާލޭގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ މީކާއިލް މިހެން ވިދާޅުވީ އޭނާގެ އިތުބާރު ކެމްޕޭން ނިންމުމަށް ބޭއްވި ޖަލްސާގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް މިހާރުވެސް ފަސްވަރަކަށް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާއިރު، އެއިން ކޮންމެ ބޭފުޅަކަށްވެސް ޕާޓީގެ އެތެރޭގައި ތާއީދު އެބައޮތެވެ. އެހެންކަމުން ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓޭނީ މި ހަގީގަތް ގަބޫލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މީކާއިލްގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވާފައެވެ. ރައީސް ނަޝީދު ވަނީ ޗެއަރޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ރިޔާސީ ޓިކެޓަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. މީކާއިލް ސުވާލު އުފެއްދެވީ ޗެއަރޕާސަން ކަމަށް ވަޑައިގަންނަވާ ބޭފުޅަކު، ޕާޓީގެ ރައީސް ކަމަށާއި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނެ ބޭފުޅުން ކުރިން ކަނޑައެޅުއްވުމަށްފަހު، ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓިދާނެ ކަމާމެދުގައެވެ. އަދި މިގޮތަށް ކަންކަން ކުރިއަށްދާނަމަ 2028 ގެ ކުރިން ޕާޓީގެ ސަފުތައް ރޫޅިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދާއި ފައްޔާޒު ގުޅިވަޑައިގެން ބޮޑު ބަދަލުގެ ނަމުގައި ވަނީ ދައުލަތް ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމުގެ ދަށުން ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމު ވަކިކުރުމަށް ވަނީ ނިންމާފައެވެ. މި އިންތިޒާމުގެ ދަށުން ފައްޔާޒު ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގަންނަވާއިރު، ނަޝީދު ހަވާލުވެވަޑައިގަންނަވާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމާއެވެ. ކުރިއަށް އޮތް އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއަރޕާސަން އިންތިޚާބުގައި ނަޝީދާއި ފައްޔާޒު އެކުގައި ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، މީކާއިލްއަށް ތާއީދުކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އިންތިޚާބު ގާތްވަމުން އަންނައިރު ދެ ފަރާތުންވެސް ވަނީ ކެމްޕޭން ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު