ދެ ސައިކަލެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާފާސްކުރިއިރު، އޭނާގެ ފުރަގަސްފަރާތުން އެ ސައިކަލުތަކުގެ ތަޅުދަނޑި ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، ސެލްޓަން، 49 އަހަރުގެ މުޙައްމަދު ރަޝީދެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް އިތުރު 30 ދުވަސް އިއްޔެ ވަނީ ދީފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ ހެކިތަކެއް ހުރިކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުންނަށް އޭނާ ފެނުނީ ސައިކަލެއްގެ މަޑި ހުޅުވައިގެން އުޅެނިކޮށެވެ. ފުލުހުން ފެނުމުން އޭނާ ހާސްވެ، މަޑި ލައްޕާލައި ދޮގު މައުލޫމާތު ދިންކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ސައިކަލާއި ޖެހިގެން ހުރި އެހެން ސައިކަލެއްގެ މަޑިދަށުން ވެސް ކޮތަޅުތަކެއް ފެނުމުން، އެ ދެ ސައިކަލުގައި ވެސް މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ފުލުހުންނަށް ޝައްކުކުރެވުނެވެ.
މީގެ އިތުރުން، އޭނާ ދިރިއުޅޭ ގޭގައި ހުރި ސީސީޓީވީ ކެމެރާގެ ހާޑް ޑިސްކުތަކެއް ނައްތާލަން އުޅުނުކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ދިޔައިރު، އޭނާގެ ދަރިއަކު ދަބަހަކާ އެކު ނުކުތްކަމަށް ކޯޓު އަމުރުގައިވެއެވެ. އެ ދަބަސް ބަލާފާސްކުރިއިރު ހާޑް ޑިސްކާއި ޕެންޑްރައިވްތަކެއް ފެނިފައިވެއެވެ.
މާލޭ ކަސްޓަޑީގައި އޭނާ ބަންދުކުރުމުގެ ކުރިން ގަވާއިދާ އެއްގޮތަށް ބަލާފާސްކުރިއިރު، އޭނާގެ ފުރަގަސްފަރާތުގައި އެއްޗެއް ފޮރުވާފައިވާކަމަށް ފުލުހުންނަށް ޝައްކުކުރެވުނެވެ. އެކަމާ ގުޅިގެން އެ އެއްޗެއް ނަގައިދިނުމަށް އެދުމުން، އޭނާގެ ފުރަގަސްފަރާތުން ދެ ތަޅުދަނޑި ނަގައި ފުލުހުންނާ ހަވާލުކުރިކަމަށް ރިޕޯޓުތަކުން ހާމަވެއެވެ. އެ ދެ ތަޅުދަނޑިން އެ ސައިކަލުތައް ހުޅުވުނުކަމަށް ވެސް ފުލުހުން ކަށަވަރުކޮށްދެއެވެ.
މި މައްސަލައިގައި ފެނުނު ތަކެތި ތަހުލީލުކުރިއިރު، 161.52 ގްރާމް ކެނަބިސް، 48.8 ގްރާމްގެ އިތުރު މަސްތުވާތަކެތި އަދި 17 ގްރާމް ޑައިމޯފިން ފެނިފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ވެސް ކެނެބިސްއަށް ޕޮޒިޓިވްވެފައިވާކަން ތަހުލީލުތަކުން ވަނީ އެނގިފައެވެ.










ކިޔުންތެރިންގެ ހިޔާލު