އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޕީއެޗްޑީ ކޯސްތަކަށް އޮންނަ ތަރުހީބު ބޮޑުވެ، މިހާރުވެސް 100 އަށްވުރެ ގިނަ ދަރިވަރުން އެ ޔުނިވަރސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުން އަންނަކަން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝީނާ ވިދާޅުވީ، ޕީއެޗްޑީ ކޯސްތަކަށް މިހާރު ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށެވެ. އެގޮތުން، އެ ފެކަލްޓީން އެންމެ ފަހުން ހުޅުވާލި ފަސް ފުރުސަތަށްވެސް 30 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާކަން ފާހަގަކުރެއްވިއެވެ. ޕީއެޗްޑީއަކީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ފުރިހަމަކުރަންޖެހޭ ކޯހަކަށްވުމާއެކު، ދަރިވަރުން ހޮވުމުގައި އެންމެ ބޮޑަށް ބަލަނީ ހުށަހަޅާ ޕްރޮޕޯސަލަށް ދަރިވަރު އަހުލުވެފައިވާ މިންވަރަށް ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.
އައިޔޫއެމްގެ ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު ޞާލިހް ހާމަކުރެއްވި ގޮތުގައި، މި ސެމިސްޓަރގައި ޕީއެޗްޑީއަށް ހުޅުވާލާފައިވަނީ ހަމައެކަނި ފެކަލްޓީ އޮފް އެޑިޔުކޭޝަނުންނެވެ. އެހެންނަމަވެސް، ކުއްލިއްޔާ އޮފް ރިވީލް ނޮލެޖް، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ އަދި މެނޭޖްމެންޓް އެންޑް ލީޑަރޝިޕް ކުއްލިއްޔާ ހިމެނޭހެން ޖުމްލަ ހަތަރު ފެކަލްޓީއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އާންމުކޮށް އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދެވަނަ ސެމިސްޓަރއަށް އައިޔޫއެމުން ވަނީ ޖުމްލަ 67 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި މާސްޓަރސް ފެންވަރުގެ 15 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 16 ކޯހެއްގެ އިތުރުން ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިމެނެއެވެ. މި ކޯސްތަކަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.
އައިޔޫއެމްގެ ކޯސްތައް ރާއްޖޭގެ ހަތް ކެމްޕަހެއްގައި ކުރިއަށްދާނެއެވެ. އެއީ އުނގޫފާރު، ނައިފަރު، ފޮނަދޫ، ތިނަދޫ، ފުވައްމުލައް، މީދޫ އަދި މަރަދޫ ފޭދޫ ކެމްޕަހެވެ. މި ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، ކްލާހަށް ހާޒިރުވެގެން އަދި ބްލެންޑެޑް މޯޑަށެވެ.










ކިޔުންތެރިންގެ ހިޔާލު