މިދުވަސްވަރު އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ ފެތުރޭތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އިންފުލުއެންޒާ އާއި އާދައިގެ ރޯގާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް އެއީ ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެއް ކަމަށެވެ. މީގެ ތެރެއިން އިންފުލުއެންޒާއިން މީހާގެ ހަށިގަނޑަށް ކުރާ އަސަރު ބޮޑު ކަމަށްވެސް ބުނެފައިވެ އެވެ.
ކުރިއަށްއޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން މީގެ ކުރިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ އެކަމަށް ސަމާލުވެ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން މުހިންމެވެ. އަދި ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި، އާއްމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
އިންފްލުއެންޒާ ވައިރަސް ޖެހިއްޖެ ނަމަ ފަސް އަހަރުން ދަށުގެ ކުދިން އަދި ހާއްސަކޮށް ދެ އަހަރުން ދަށުގެ ކުދިންނަށް ކުރާ އަސަރު ބޮޑުވެދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ. އިންފްލުއެންޒާ ޖެހި، ހަ ގަޑިއިރަށް ވުރެ ގިނަ ވަގުތު ކުޑަކަމުނުގޮސް ހޭދަވެއްޖެ ނަމަ އަދި ވަރުދެރަވެ ވަރަށް ބޮޑަށް ވަރުބަލިވެއްޖަ ނަމަ ނުވަތަ ގާތުން ކިރުބޯ ކުދިން ރަނގަޅަށް ކިރު ނުބޮއިފި ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން އިރުޝާދު އެ އެޖެންސީ އިން އެދިފައިވެ އެވެ.
ބަސް ޓާމިނާއި އެއާޕޯޓާއި އާންމު ދަތުރުފަތުރު ކުރާ ތަންތަނުގައި ހަރަކާތްތެރިވާއިރު މާސްކު އަޅަން ވެސް އިލްތިމާސް ކޮށްފައިވެ އެވެ. މީގެ އިތުރުން ސައިބޯނި ލައިގެން ގިނައިން އަތް ދޮންނަން ވެސް އިރުޝާދު ދީފައިވެ އެވެ.
މީގެ އިތުރުން މަދިރީގެ ޒަރިއާ އިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމާއި ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރިގެ ބޭނުންކުރުމާއި ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިއަށް ނުވަދެވޭނެ ހެން ދާ ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި ގެއާ ގޯތިތެރެއިން މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.
އެޗްޕީއޭއިން ވަނީ އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމުގައި މީޑިއާތަކުންނާއި އާންމު ރައްޔިތުން ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރާ މައުލޫމާތަށް ބަރޯސާވުމަށް އިލްތިމާސްކޮށްފަ އެވެ.










ކިޔުންތެރިންގެ ހިޔާލު