މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) މާލީ ގޮތުން މިހާރު އަމިއްލައަށް ހިންގޭ ހާލަތަކަށް އަތުވެއްޖެ ކަމަށާއި، ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ދެމުން އައި ސަބްސިޑީތައް މިހާރު ކަނޑާލާފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯ އޮތީ ނުހަނު ދަތި އުނދަގޫ މާލީ ހާލަތެއްގައެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި، ކުންފުނީގެ އޮޕަރޭޝަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމަކީ އެ ދުވަސްވަރު ފާހަގަކުރެވުނު އެންމެ ބޮޑު ގޮންޖެހުމެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ކުންފުނީގެ މެނޭޖްމަންޓް ހަރުދަނާކޮށް، ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން މިފްކޯއަށް މާލީ އެހީ ދެމުން ދިއުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށެވެ. މީގެ ކުރިން މަސް ގަތުމަށް ކޮންމެ ކިލޯއަކަށް 0.84 ޑޮލަރުގެ ސަބްސިޑީއެއް ސަރުކާރުން ދެމުން އައިސްފައިވާއިރު، އެއީ އަހަރަކު ގާތްގަނޑަކަށް 71.34 މިލިއަން ޑޮލަރުގެ ބޮޑު ޚަރަދެކެވެ. ނަމަވެސް، މިހާރު ގެނައި އިސްލާހީ ބަދަލުތަކާއެކު މިފްކޯއަށް ދޭ ސަބްސިޑީތައް މުޅިން ހުއްޓާލެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު މި ދާއިރާގައި ދެމިއޮތް ހަމައެކަނި ސަބްސިޑީއަކީ މަސްވެރިންނަށް ފޯރުކޮށްދޭ ތެލުގެ އެހީ އެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުނު ދަނޑިވަޅުގައި، މަސްވެރިކަމުގެ ސިނާއަތް ހިމާޔަތްކުރުމަށް ސަރުކާރުން އެޅި މި ފިޔަވަޅުގެ ސަބަބުން 17،000 އަށް ވުރެ ގިނަ އާއިލާއަށް ފައިދާ ކުރާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ތެލުގެ ސަބްސިޑީއަކީ ހަމައެކަނި މަސްވެރިންނަށް ހާއްސަ އެހީއަކަށްވާއިރު، މިފްކޯއިން ތެޔޮ ގަންނަނީ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އަމިއްލަ ޚަރަދުގައެވެ.
މިފްކޯއިން މިހާރު އަމަލުކުރަމުން ދަނީ ވާދަވެރި މާހައުލެއްގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މަސް ގަންނަ އަގުތައް ކަނޑައެޅުމުގައި މިފްކޯއިން އަމިއްލަ މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ ކަމަށާއި، ކުންފުނީގެ އޮޕަރޭޝަންތައް މިހާރު ބައްޓަންކޮށްފައިވަނީ މާލީ ގޮތުން ފުދުންތެރިކަން އިތުރުކުރެވޭނެ އުސޫލުތަކުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު