ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގެ ނިއުކްލިއަރ ހަކަތަ އުފައްދާ އިންޖީނުގެއަށް ދިން ޑްރޯން ހަމަލާގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، މި ހަމަލާގައި މީހަކަށް ކަމެއް ނުވާކަމަށް ޔޫއޭއީން ބުނެފިއެވެ.

ޑްރޯން ހަމަލާ އަމާޒުވެފައިވަނީ ޔޫއޭއީގެ އައް ދަފްރާ ރީޖަންގައި ހުންނަ ބަރަކާ ނިއުކްލިއަރ ހަކަތަ އިންޖީނުގެއަށެވެ.

އަބޫ ދާބީ މީޑިއާ އޮފީހުން އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ޑްރޯން ހަމަލާ އަމާޒުވީ އިންޖީނުގޭގެ ގޯތިތެރޭގައި ހުރި ޖަނަރޭޓަރަކަށް ކަމަށާއި، ހަމަލާގެ ސަބަބުން ރޭޑިއޭޝަން ސޭފްޓީ ލެވެލްއަށް ނުރައްކަލެއް ފޯރާފައި ނުވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި ހަމަލާގައި މީހަކަށް ކަމެއްވެފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަބޫ ދާބީގައި ހުންނަ ބަރަކާ ނިއުކްލިއަރ ހަކަތަ އިންޖީނުގެއަށް ޑްރޯން ހަމަލާ ދިނީ ކޮންބައެއް ކަމެއް ސާފެއް ނުވެއެވެ.

އެހެންނަމަވެސް، ޑްރޯން ހަމަލާއާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބަރަކާ ނިއުކްލިއަރ އިންޖީނުގެއަކީ ޔޫއޭއީގައި ގާއިމްކުރި ފުރަތަމަ ނިއުކްލިއަރ އިންޖީނުގެއެވެ. އަދި މިއީ، އަރަބި ބައްރުގައި ގާއިމްކުރި ފުރަތަމަ ނިއުކްލިއަރ އިންޖީނުގެވެސް މެއެވެ.

އަބޫ ދާބީގައި ހުންނަ މި ނިއުކްލިއަރ އިންޖީނުގެގޭގައި 4  ނިއުކްލިއަރ ރިއެކްޓަރު ހުރެއެވެ.

ނިއުކްލިއަރ އިންޖީނުގެ ހިންގައިގެން ހަކަތަ އުފެއްދުމަކީ ތެޔޮ އަންދައިގެން ހަކަތަ އުފެއްދުމަށްވުރެ އެތައްގުނަ  ޚަރަދުކުޑަ ގޮތެކެވެ.