ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑިއާސްޕޯރާ، ބެރީ ފޯރ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔަތާއި، މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ބެރީ ފޯރއަކީ ސީޝެލްސްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. މިއީ ދެ ޤައުމުގެ ޚާރިޖީ ގުޅުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެކެވެ.

އިޝްތިހާރު އިޝްތިހާރު

މި ދަތުރުފުޅަކީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުދި ޖަޒީރާ ޤައުމުތަކެއްގެ ގޮތުގައި އޮތް ރާއްޖެއާއި ސީޝެލްސްއިން، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެއްބާރުލުން ދަމަހައްޓައި ވަރުގަދަކުރުމަށް ދެ ޤައުމުން ދޭ އަހަންމިއްޔަތުކަން ހާމަވެގެންދެއެވެ.