ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މިދިޔަ އަހަރު އަލަށް އުފެއްދެވި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްގެ ޑީންގެ މަޤާމަށް އިބްރާހިމް ޝަބާއު އައްޔަން ކުރައްވައިފިއެވެ. ޝަބާއު އަކީ ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވައިގެން ހުންނެވި، މި ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އިބްރާހިމް ޝަބާއު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް ތަޢުލީމު ހާސިލްކުރައްވާފައެވެ. އެގޮތުން 2000 ވަނަ އަހަރު ފިޖީގެ ސައުތު ޕެސިފިކް ޔުނިވަރސިޓީން ބެޗްލާސް ޑިގްރީ ފުރިހަމަކުރެއްވިއިރު، 2005 ވަނަ އަހަރު އޮސްޓްރޭލިއާގެ މެލްބަން ޔުނިވަރސިޓީން ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ އިން އެގްރިކަލްޗަރ ސައިންސް ހާސިލްކުރެއްވިއެވެ. އަދި 2007 ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން ވަނީ މާސްޓަރސް ޑިގްރީ ފުރިހަމަކުރައްވާފައެވެ.
ޝަބާއު ވަނީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ އެކި ފަންތީގެ މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. އެގްރިކަލްޗަރ ޓްރޭނީއެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ޝަބާއު ވަނީ ސީނިއަރ އެގްރިކަލްޗަރ އޮފިސަރުކަމާއި، ޑިރެކްޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން ޑައިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައެވެ. މި މަޤާމާ ހަވާލުވުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޔޫއެސްއެއިޑްގެ ކުލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ގަވަރނަންސް ސްޕެޝަލިސްޓެއްގެ ގޮތުގައެވެ.
މަޤާމާ ހަވާލުވުމަށްފަހު ޝަބާއު ވިދާޅުވީ، ރާއްޖޭގެ ޖުޣުރާފީ އުފެދުން ހުރި ގޮތުން ކުރިއަށް ގެންދެވޭނީ އަތޮޅު ދަނޑުވެރިކަން ކަމަށެވެ. އޭނާގެ ތަޞައްވުރަކީ ރާއްޖޭގެ ތިމާވެށްޓާ ގުޅޭގޮތަށް ދަނޑުވެރިކަން ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، އެގްރޯޓޫރިޒަމާއި އެގްރޯ-އިކޮލޮޖީ ފަދަ އާ ދާއިރާތަކުން ޕްރޮގްރާމްތައް ހިންގައި، ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި ފެކަލްޓީގެ ސަބަބުން ދަނޑުވެރިކަމާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. މިހާރުވެސް އެމްއެންޔޫއިން ދަނޑުވެރިކަމުގެ އެކި ފެންވަރުގެ ކޯސްތައް ހިންގަމުން އަންނައިރު، އާ ފެކަލްޓީއާއެކު މި ދާއިރާ އިތުރަށް ހަރުދަނާވާނެ ކަމަށް ޔުނިވަރސިޓީން ދެކެއެވެ.
ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްގެ މައި މަރުކަޒު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫގައެވެ. މިއީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދިރާސާތައް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެންޔޫއިން ފާހަގަކުރެއެވެ.










ކިޔުންތެރިންގެ ހިޔާލު