ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ވިސާގެ މައްސަލަތަކާއި ދިވެހިންނަށް ދިމާވާ މުހިންމު ކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް ވަރަށް ގާތުން އަޑުއައްސަވާފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްރީލަންކާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި ވިސާގެ މައްސަލަތަކާއި ދިވެހިންނަށް ދިމާވާ އެހެނިހެން މުހިންމު ކަންކަމަށް ދާއިމީ ޙައްލެއް ހޯދުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. އަދި އެކަންކަމަށް ދެމެހެއްޓެނިވި ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ގޮތްޕެއް ހުޅުވުމަށާއި، ދިވެހި އުފެއްދުންތައް އެ ޤައުމުގެ ބާޒާރަށް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާ ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިދުމަތްތައް އަވަސްކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. މިއީ އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް މުޢިއްޒު ގެންދަވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ރަސްމީ ދަތުރުފުޅެއްގައިވެސް، އެ ޤައުމެއްގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޙާލަތު ބައްލަވައި ވަގުތު ހޭދަކުރަށްވަމުންނެވެ.