ސްރީލަންކާއަކީ އަބަދުވެސް ދިވެހިންނަށް މަރުހަބާ ކިޔާ، އަމާން ދެވަނަ ގެއެއްގެ ގޮތުގައި އޮންނާނެ ގައުމެއް ކަމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ދިސާނާޔަކަ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދައުލަތުގެ ދަތުރުފުޅުގެ ތެރެއިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައެވެ.
ލަންކާގެ ރިޔާސީ ސެކްރެޓޭރިއަޓްގައި ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ އަދި އިޖުތިމާއީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސަރަހައްދީ ސަލާމަތާއި، އިގްތިސާދީ ހަމަޖެހުމާއި، ލަންކާގައި ދިރިއުޅޭ ދިވެހި މުޖުތަމައުގެ ހާލަތާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމަށްފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ހަތް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
އޭގެ ތެރޭގައި ތައުލީމާއި، މަތީ ތައުލީމާއި، މުދައްރިސުން ތަމްރީނުކުރުމާއި، ސިއްހީ އަދި ކުޅިވަރުގެ ދާއިރާގެ އިތުރުން ދެ ގައުމުގެ ނޭޝަނަލް އާކައިވްސްގެ މެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
މީގެ އިތުރުން ކަނޑުގެ ސަލާމަތާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ދިފާއީ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.
ރައީސް ދިސާނާޔަކަ ވަނީ އައިޓީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކުރުން ފަދަ ދާއިރާތަކުން ލަންކާގައި އިންވެސްޓްކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައެވެ.
މީގެ އިތުރުން، ލަންކާއަށް ކުރިމަތިވި ކާރިސާތަކުގެ ވަގުތުގައި ރާއްޖެއިން ފޯރުކޮށްދިން އިންސާނީ އެހީތެރިކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވަމުން، އެއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ރަހުމަތްތެރިކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
އަދި ދެ ގައުމުގެ ހައިކޮމިޝަން އިމާރާތް ކުރުމަށް ކޮލަމްބޯ އަދި މާލެއިން ބިން ބަދަލުކުރުމަށް ނިންމާފައިވާކަން ވެސް ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން މާދަމާ ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެން އިންވެސްޓްމަންޓާއި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.




ކިޔުންތެރިންގެ ހިޔާލު