ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2025 ވަނަ އަހަރުގެ ފައިދާއިން، ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
އެސްޓީއޯ ގްރޫޕްގެ 2025 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 16.68 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅައި ބަލާ އިރު، 0.5 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 އިންސައްތައިން އިތުރުވެފައެވެ. އަދި ހަމައެއާއެކު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ވަނީ ރަނގަޅުވެފައެވެ.
ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފައެވެ. އެހެންނަމަވެސް ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތައިން ދަށްވުމާއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅައި ބަލާ އިރު، ދެ އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެސްޓީއޯއިން އާންމުކޮށްފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައިވާ ގޮތުން، މި ޑިވިޑެންޑް ބެހުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް 2026 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ކުންފުނީގެ މާލީ ހާލަތާއި ފައިދާއާ ގުޅޭގޮތުން ބަލާއިރު، 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކުރުން ވެސް މި ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ. ބޯޑުން ހުށަހަޅާފައިވާ 85 ރުފިޔާގެ ޑިވިޑެންޑަކީ ކުންފުނީގެ މާލީ ހިސާބުތަކަށް ބިނާކޮށް، ހިއްސާދާރުންނަށް އެންމެ އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަނޑައަޅާފައިވާ އަދަދެއްކަމަށް ބެލެވެއެވެ. މި ނިންމުން ފާސްވާނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ.
އެސްޓީއޯގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މެއި 16 ވާ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައެވެ. މި ޖަލްސާ ކުރިއަށްދާނީ ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސްގެ ފޭދޫ ހޯލުގައެވެ. މީގެ އިތުރުން، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހިއްސާދާރުންނަށް މި ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެސްޓީއޯގެ އޭޖީއެމް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓަރީވުމުގެ މެއި 15 ގެ މެންދުރުފަހު 2:00 އެވެ.
އަމިއްލައަށް ޖަލްސާއަށް ހާޒިރުވެވެން ނެތް ހިއްސާދާރުންނަށް ޕްރޮކްސީއެއް އައްޔަންކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ. ޕްރޮކްސީ ފޯމުތައް ޖަލްސާ ފެށުމުގެ 48 ގަޑިއިރު ކުރިން ހުށަހަޅަންޖެހޭނެއެވެ. ޖަލްސާގައި ވޯޓުލުން ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ. ކޮންމެ ހިއްސާދާރުކަށް ވެސް ވޯޓުލުމަށް ހާއްސަ ލިންކެއް ޖަލްސާގެ ކުރިން ފޯރުކޮށްދެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މި ޖަލްސާގެ އެޖެންޑާގައި އިތުރު މުހިންމު ކަންތައްތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި، 2026 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަންކުރުމާއި އެ ފަރާތުގެ އުޖޫރަ ކަނޑައެޅުން ހިމެނެއެވެ. ބޯޑުން ހުށަހަޅާފައިވަނީ “އާނެސްޓް އެންޑް ޔަންގް”، އޮޑިޓަރުންގެ ގޮތުގައި އައްޔަންކުރުމަށެވެ. އެ މަސައްކަތް އެ އޮޑިޓް ފާމްއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 2,133,000 (2.1 މިލިއަން) ރުފިޔާއެވެ. އޭގެ އިތުރުން، ކުންފުނީގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުމަށް ހުށަހެޅިފައިވާ އިސްލާހުތައް ފާސްކުރުން ވެސް އެޖެންޑާގައި ހިމެނެއެވެ.
އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކު އިންތިހާބުކުރުން ވެސް މި ޖަލްސާގައި އޮންނާނެއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ އެއް މަގާމަށް ދެ ކެންޑިޑޭޓަކު ވަނީ ކުރިމަތިލައިފައެވެ. އެއީ ކޯޕަރޭޓް ގަވަނަންސް އަދި މެނޭޖްމަންޓް ދާއިރާއިން ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އަހުސަން ސަލީމްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ އަބްދުﷲ ޔާސިރެވެ. މި ދެ ބޭފުޅުންގެ ތެރެއިން ބޯޑަށް އިންތިހާބުވާ ފަރާތެއް ކަނޑައަޅާނީ ޖަލްސާގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އިންތިހާބުކުރެވޭ ޑިރެކްޓަރުގެ ދައުރަކީ 2026 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.




ކިޔުންތެރިންގެ ހިޔާލު