ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބާވަތްތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މީގެކުރިން އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ރަށްރަށަށް ދޫކުރަމުން ދިޔައީ ހަމައެކަނި ހަނޑޫ، ހަކުރު އަދި ފުށެވެ. ނަމަވެސް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ ޒަރޫރީ ސާމާނު ހެޔޮ އަގުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، މި ލިސްޓު ވަނީ 26 ބާވަތުން 80 ބާވަތަށް އިތުރުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި ނިންމެވުމާ ގުޅިގެން، މިހާރު އެސްޓީއޯއިން ވަނީ އެ 80 ބާވަތް ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ.
އަލަށް އިތުރުކުރެވުނު އަސާސީ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:

* 20 ބާވަތެއްގެ މޭވާ
* 20 ބާވަތެއްގެ ތަރުކާރީ
* ގޭބިސީތަކުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތެއް
* ކާބޯތަކެތި ނޫން އަސާސީ 3 ބާވަތެއް
އިޤްތިޞާދީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް އެސްޓީއޯގެ ކޮންޓްރޯލް އަގުގައި މި ތަކެތި ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތަކަށް މި ތަކެތި ފޯރުކޮށްދިނުމުގައި ބައިވެރިވާ އެސްޓީއޯގެ އޭޖެންޓުންގެ ލިސްޓުވެސް މިހާރު ވަނީ ޢާންމުކޮށްފައެވެ.
އިޤްތިޞާދީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް އެސްޓީއޯގެ ކޮންޓްރޯލް އަގުގައި މި ތަކެތި ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތަކަށް މި ތަކެތި ފޯރުކޮށްދިނުމުގައި ބައިވެރިވާ އެސްޓީއޯގެ އޭޖެންޓުންގެ ލިސްޓުވެސް މިހާރު ވަނީ ޢާންމުކޮށްފައެވެ.
އެސްޓީއޯގެ އޭޖެންޓުންގެ ގޮތުގައި ހަމަޖައްސާފައިވާ ފިހާރަތަކުގެ ތަފުޞީލު:
- ގްރޭޓަރ މާލެ ސަރަޙައްދު: 48 ފިހާރަ
- އައްޑޫ ސިޓީ: 10 ފިހާރަ
- ފުވައްމުލަކު ސިޓީ: 6 ފިހާރަ
- ތިނަދޫ ސިޓީ: 4 ފިހާރަ
- ކުޅުދުއްފުށި ސިޓީ: 4 ފިހާރަ
- 3,000 އަށްވުރެ ބޮޑު އާބާދީގެ ރަށްތައް: 22 ފިހާރަ
- 3,000 އިން ދަށުގެ އާބާދީގެ ރަށްތައް: 38 ފިހާރަ
މި ސިޔާސަތުގެ ދަށުން، އެސްޓީއޯގެ އަގުތަކުގައި މުދާ ލިބޭނީ ހަމައެކަނި އެ ކުންފުނީގެ އައުޓްލެޓްތަކުން އެކަންޏެއް ނޫނެވެ. ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދާ ދޫކޮށް، އެ ވިޔަފާރިތައް މެދުވެރިކޮށް ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ދިރުމެއް ލިބި، އެ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
އިޤްތިޞާދީ ވުޒާރާއިން އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އިންތިޒާމުގެ ސަބަބުން ޤައުމުގެ ކާނާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ މުދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު