
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 ޕަސެންޓް މަދުކުރަން ނިންމާފައިވަނީ ކުއްލިއަކަށް ނޫން ކަމަށާއި، އެކަން ކުރާނީ ގާނޫނާއި އުސޫލުތަކުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު އަނަސްއަށް މިދިޔަ ހުކުރު ދުވަހު ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީއެއްގައި ވަނީ، ކުންފުނިތަކުގެ ހަރަދު ކުޑަކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރުމަށް އަންގަވާފަ އެވެ. ދައުލަތުގެ ކުންފުނިތަކުގައި ގާތްގަނޑަކަށް 42،000 މުވައްޒަފުން ތިބޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ މެނޭޖްމަންޓް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ދެކެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ހުރިހާ ކުންފުންޏަކުން އެއްވަރަކަށް 33 ޕަސެންޓް މުވައްޒަފުން މަދު ނުކުރެވޭނެ ކަމަށެވެ. މިސާލެއްގެ ގޮތުން އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކުން އެ ނިސްބަތުން މީހުން މަދުކޮށްފިނަމަ ކުންފުނި ނުހިންގޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މުވައްޒަފުން މަދުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށާއި، މިއީ “މާދަމާ އިރުއަރަންވާއިރަށް” ވަކި ބަޔަކު ވަޒީފާއިން ކަނޑާލުމުގެ އުސޫލުން ކުރާނެ ކަމެއް ނޫން ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި މި ފިޔަވަޅުގެ ސަބަބުން އާންމު ފަރުދުންނަށް ދިމާވެދާނެ ދަތިތަކަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.
މުވައްޒަފުން މަދުކުރުމުގެ އިތުރުން، ކުރިމަގުގައި ކުންފުނިތަކަށް މީހުން ނެގުމުގައި ތައުލީމާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މެރިޓް އުސޫލުން ވަޒީފާ ދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، އެކަން ކަށަވަރުކުރުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ޕީސީބީއަށް އިރުޝާދު ދީފަ އެވެ. މިއީ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ކުންފުނިތައް ހިންގުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.







ކިޔުންތެރިންގެ ހިޔާލު