
ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން، ނަފްސާނީ ބަލިތަކަށް ޚާއްސަ ކްލިނިކެއް މިއަހަރުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް އިއުލާނު ކުރައްވައިފިއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ، ހުވަދު އަތޮޅުގައި ނަފްސާނީ ސިއްހަތުގެ ޚިދުމަތަށް ބޭނުންވެފައިވާ ގިނަ އާއިލާތަކެއް އެބަތިބި ކަމަށެވެ. ޚާއްޞަކޮށް ތިނަދޫގައި ނަފްސާނީ މައްސަލަތައް ކުރިމަތިވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ރެކޯޑުތަކުން ދައްކާ ކަމަށާއި، އޭގެ ތެރޭގައި ސްކޫލް ކުދިންގެ އަދަދު ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ކްލިނިކް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަޝްރަފް ވިދާޅުވި ގޮތުގައި، މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ކްލިނިކް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ކްލިނިކްގެ މަސައްކަތް ނިމުމާއެކު، ބޭނުންވާ ޑޮކްޓަރުންނާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ފަހު ކުއާޓަރުގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އްރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނަ ނަމަވެސް، ގިނަ ޚިދުމަތްތައް މާލެއަށް މަރުކަޒުވެފައި އޮތުމަކީ އަތޮޅުތަކުގެ ރައްޔިތުންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ހެލްތު މިނިސްޓްރީން ދަނީ އަތޮޅުތަކަށް ނަފްސާނީ ފަރުވާ ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އާސަންދައިގެ ދަށުން މިހާރު ވެސް ހަތް ކްލިނިކަކުން ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ތިނަދޫގައި މި ހުޅުވޭ ކްލިނިކަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެއެވެ.







ކިޔުންތެރިންގެ ހިޔާލު