
ސިޔާސީ ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސްޕްރީމް ކޯޓުގައި އިއްޔެ ނިންމާލައިފި އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ބިލުގައިވާ އެންމެ މުހިންމު އިސްލާހަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ހާލަތު އިތުރުކޮށްފައިވުމެވެ. އިތުރުކޮށްފައިވާ އެ ދެ ހާލަތަކީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމާއި ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމެވެ.
ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުން ދަނީ 20 ވަނަ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއްކަން ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ.

މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިން އެވެ.
އަލީ ހުސެއިން ވަނީ މި މައްސަލައިގައި ވަގުތީ ދެ އަމުރެެއް ނެރެދިނުމަށް އެދިފަ އެވެ. އެއީ ހުކުމް ކުރަންދެން އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކާއި، ހުކުމް ކުރަންދެން މިވަގުތު ތިބި ފަނޑިޔާރުން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމުގެ ވަގުތީ އަމުރެކެވެ.
ދައުލަތުގެ ފަރާތުން ބުނީ މިފަދަ މައްސަލަތަކުގައި ވަގުތީ އަމުރެއް ނެރެދެވޭނީ ތިން ޝަރުތެއް ފުރިހަމަވާނަމަ ކަމަށެވެ.
އެގޮތުން ފުރަތަމަ ޝަރުތަކީ އެ މައްސަލައަކީ ދުސްތޫރީ މައްސަަލައެއްގެ ގޮތުގައި ބަލާނެ ދުސްތޫރީ ބަހުސެއް އުފެދިފައިވާ މައްސަލައަކަށް ވުންކަން ފާހަގަކޮށް ދައުލަތުން ބުނީ މިހާރު ހުށަހެޅިފައިވާ މައްސަލައަކީ ދުސްތޫރީ މަައްސަލައެއްކަމަށް ބެލެވެން ނެތް ކަމަށެވެ.
ދެވަނަ ޝަރުތެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރީ މައްސަލައިގެ ފައިޞަލާ ކުރަނިވި ހުކުމަކާ ހަމައަށް ދިއުމުގެ ކުރިން މައްސަލައިގެ މުއާލާތް ކެނޑިދާނެކަމަށް މައްސަލަ ހުށަހެޅި ވަކީލުން ބުނާއިރު އެގޮތަށް އެކަން ވާންޖެހޭ ސަބަބު ވެސް ބުނެދެވިފައި ނުވުމެވެ.
އާއްމު މަސްލަހަތަށްޓަކައި މި އަމުރަކީ ކޮންމެހެން ނެރެދޭ އަމުރެއްކަމަށް ކަމަށް އިދިކޮޅު ވަކީލުން ބުނާ ބުނުމަށް ރައްދު ދީ ދައުލަތުގެ ފަރާތުން ބުނީ މިކަމުގެ ސަބަބު ވެސް މައްސަލަ ހުށަހެޅި ވަކީލުންނަށް ބުނެދެވިފައި ނުވާކަމަށެވެ. އަދި މިފަދަ އަމުރެއް ނެރެދޭންވީ ކޮން ގާނޫނަކާ ހިލާފުވެގެންކަން ވެސް ބުނެދެވިފައި ނުވާކަމަށެވެ.
މިކަންކަމަށް ބަލައި މި މައްސަލާގައި ގޮތެއް ނިމެންދެން ގާނޫނުއަސާސީގެ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ދައުލަތުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ބުނެފަ އެވެ.
އަޑުއެހުންތައް ނިންމާލުމުގެ ކުރިން، މި މައްސަލަ ބައްލަވާ ފަނިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ވަގުތީ އަމުރުތަކާ މެދު ނިންމާ ގޮތެއް ހުރިހާ ފަރާތަކަށް ވެސް ފަހުން ލިޔުމުން ދޭނެ ކަމަށެވެ.
އަދި އިތުރަށް އަޑުއެހުމެއް ބާއްވާނީ މައްސަލަ ދިރާސާކުރަމުންދާއިރު ފަނޑިޔާރުން ސާފުކުރަން ބޭނުންވާ އިތުރު ކަމެއް ފާހަގަކުރެވިއްޖެ ނަމަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެހެން ނޫން ނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި މައްސަލަ ސްޕްރީމް ކޯޓުން ބައްލަވަނީ ހަތް ފަނޑިޔާރުންގެ ބެންޗަކުން ނެވެ.
އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.







ކިޔުންތެރިންގެ ހިޔާލު