މއ. އާއިޝާ، ހުސައިން ވަހީދު މަރާލި މައްސަލައިގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި ދެވަނަ މީހާގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި މަރުގެ ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމުގެ އަދަބުގެ ބައި ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ 24 ޑިސެމްބަރު 2013 ގެ ރޭ މއ. އާއިޝާ ގޭ ކައިރީގައި ހުއްޓައި އަށް އިންޗީގެ ވަޅިއަކުން ހުސައިން ވަހީދުގެ މެއަށް ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ހިންގި ޝަރީއަތެކެވެ.
އެ ހާދިސާގައި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހުސައިން ވަހީދު މަރުވީ އެރޭގެ 11:10 ހާއިރުއެވެ.
އެ ހާދިސާއާ ގުޅިގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ 19 މެއި 2014 ގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ކުރީ އޭރު 18 އަހަރު ނުފުރޭ ދެ ކުދިންގެ މައްޗަށެވެ.
އެ ދެ ކުދިންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، މަރުވި ހުސައިން ވަހީދުގެ ނުވަ ވާރިސުން މަރަށް މަރުހިފަން ބޭނުންވާތީ، 11 މެއި 2015 ގައި ޖުވެނައިލް ކޯޓުން އެ ދެ ކުދިން މެރުމަށް ހުކުމް ކުރިއެވެ.
އެ ހުކުމް އެ ކުދިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، 22 ނޮވެމްބަރު 2017 ގައި ހައިކޯޓުން ނިންމީ ޖުވެނައިލް ކޯޓުގެ ހުކުމް ދަމަހައްޓާށެވެ.
މި މައްސަލައިގައި ހިމެނޭ ފުރަތަމަ ކުއްޖާގެ މައްޗަށް ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ 11 ޖުލައި 2024 ގައި ބާތިލުކޮށްފައެވެ.
އެ ހުކުމް ބާތިލުކުރީ 22 ސެޕްޓެމްބަރު 2022 ގައި ހުސެއިން ވަހީދުގެ މަންމަ އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުވައި، އެ ކުއްޖާ މައާފަށް އެދުމުން މައާފުކޮށްދީފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ.
ދެވަނަ ކުއްޖާގެ މައްޗަށް ކުރި މަރުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކޮށްދިނުމަށް އެދި 4 ސެޕްޓެމްބަރު 2018 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުޑަކުއްޖެއްގެ ގޮތުގައި ކުރި ކުށަކަށް މަރުގެ އަދަބު ނުދެވޭނެތީ، އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދި 4 މާޗް 2021 ގައި ޕީޖީން ސިޓީއެއް ފޮނުވިއެވެ.
އެއާއެކު އެ މައްސަލައަށް އެއްވެސް ފަރާތަކުން އިއުތިރާޒް ނުކުރުމުން 29 މާޗް 2021 ގައި ސުޕްރީމް ކޯޓުން އެ މައްސަލަ ބާތިލުކުރިއެވެ.
އޭގެ ފަހުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އެ ކުއްޖާ 4 އަހަރު ދުވަހުގެ މުއްދަތަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް 4 މާޗް 2022 ގައި ޖުވެނައިލް ކޯޓުން އަމުރުކުރިއެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހުކުމް މުރާޖައާކޮށްދިނުމަށް ޕީޖީން އެދުމުންވެސް، މަތީ މަރުހަލާގެ ކޯޓަކުން ދަމަހައްޓާފައިވާ ހުކުމެއް މުރާޖައާކުރެވޭނެ ގާނޫނީ ހަމައެއް ނެތުމުން ޖުވެނައިލް ކޯޓުން އެކަން ނުކުރިއެވެ.
އެހެންވެ، ގިސާސް މަނާކުރާ ސަބަބެއް މެދުވެރިވެއްޖެ ނަމަ އިސްތިއުނާފީ ކޯޓަކުން އެ ހުކުމް ބާތިލުކޮށް އަދަބު ކަނޑައެޅުމަށް ތަހުވީލުކުރަންޖެހޭނެ ކަމަށް ބުނެ ޕީޖީން އަލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސުޕްރީމް ކޯޓުން ނިންމީ އެ ކުއްޖާގެ މަރުގެ އަދަބުގެ ބައި ބާތިލުކޮށް، އަލުން އަދަބު ކަނޑައެޅުމަށްޓަކައި މައްސަލަ ޖުވެނައިލް ކޯޓަށް ތަހުވީލުކުރުމަށެވެ.
އަދި ޖުވެނައިލް ކޯޓުން އަދަބު ކަނޑައަޅަންދެން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެކަށޭނަ މަރުކަޒެއްގައި އެ ކުއްޖާ ބަންދުކުރުމަށް ކަރެކްޝަނަލް ސާވިސްއަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.